އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ރާއްޖޭގައި މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި މިފަހަރު ވެސް އޮތީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.
2 ޖުލައި 2025 ގައި އީސީން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ޕީއެންސީގައި 68،665 މެންބަރުން ތިބިއިރު، އީސީން އިއްޔެ އާންމުކުރި މައުލޫމާތު ދައްކާގޮތުން ޕީއެންސީގައި މިވަގުތު 74،048 މެންބަރުން އެބަތިއްބެވެ. އެއީ ހަ މަސް ދުވަހުގެ ތެރޭގައި 5383 މެމްބަރުންގެ އިތުރުވުމެކެވެ.
ދެން އެންމެ މެމްބަރުން ގިނައީ މިދިޔަފަހަރު ވެސް ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި އޮތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އެވެ. އެމްޑީޕީގައި މިހާރު 43،784 މެމްބަރުންތިބިއިރު، ޖުލައިގެ ތަފާސްހިސާބުގައި އެ ޕާޓީގައި ތިބީ 43،765 މެމްބަރުންނެވެ. އެއީ ހަ މަސްތެރޭގައި 19 މެމްބަރުންގެ އިތުރުވުމެކެވެ.
ތިންވަނައަށް އެންމެ މެމްބަރުން ގިނައީ ޖުމްހޫރީ ޕާޓީގައެވެ. އެ ޕާޓީގައި ޖުލައި އާއި ހަމައަށް 13،456 މެންބަރުން ތިބިނަމަވެސް މިހާރު ތިބީ 12343 މެމްބަރުންނެވެ. އެއީ 1113 މެމްބަރުން މަދުވުމެކެވެ.
ހަތަރުވަނަ އަށް އެންމެ މެމްބަރުން ގިނައީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގައެވެ. އެ ޕާޓީގައި 9686 މެމްބަރުން ތިބިއިރު ޖުލައިގައި ތިބީ 9،011 މެންބަރުން ކަމުން އެޕާޓީއަށް ވަނީ 675 މެމްބަރުން އަލަށް ގުޅިފައެވެ.
ޢަދާލަތު ޕާޓީގައި ޖުލައި މަހު 8،844 މެންބަރުން ތިބިނަމަވެސް މިހާރު ތިބީ 8267 މެމްބަރުންނެވެ. އެއީ 577 މެމްބަރުން މަދުވުމެކެވެ.
އެހެނިހެން ޕާޓީތަކުގެ ތެރޭގައި މޯލްޑިވްސް ނެޝަނަލް ޕާޓީގައި ޖުލައިގައި 5،836 މެންބަރުން ތިބިއިރު މިހާރު ތިބީ 5133 މެމްބަރުންނެވެ. ދަ ޑިމޮކްރެޓްސްގައި ޖުލައިގައި 3،547 މެންބަރުން ތިބިއިރު މިހާރު ތިބީ 2952 މެމްބަރުންނެވެ. ޕީޕަލްސް ނޭޝަނަލް ފްރަންޓްގައި ޖުލައިއާއި ހަމައަށް 3،046 މެންބަރުން ތިބިއިރު މިހާރު ތިބީ 3012 މެމްބަރުންނެވެ. އަދި އަލުން އީސީގެ ދަފުތަރުން ޖާގަދިން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގައި 1710 މެމްބަރުން އެބަތިއްބެވެ.
މި ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގައިވާ ގޮތުގެ މަތީން، ކޮންމެ 6 މަހަކުން އެއްފަހަރު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ޢަދަދު ކަށަވަރުކުރުމަށްފަހުގައެވެ.
ޕާޓީތަކަށް މެންބަރުން އިތުރުކުރުމާއި ވަކިވުމުގެ ނިޒާމު އިލެކްޝަންސް ކޮމިޝަނުން 1 ޖެނުއަރީ 2026 އިން ފެށިގެން ވަނީ ލުއިފަސޭހަކޮށްފައެވެ. މިގޮތުން އެ ކޮމިޝަންގެ 'މައި ޕޯޓަލް' މެދުވެރިކޮށް މެދުވެރިކޮށް ޕާޓީއަކަށް ވަނުމަށް އެދޭތާ 30 ދުވަސް ތެރޭގައި ޕާޓީން ފިޔަވަޅު ނާޅައިފިނަމަ އޮޓޮމެޓިކުން މެންބަރަކަށް ވާނެއެވެ. ޕާޓީއަކުން ވަކިވުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމާއެކު، ވަގުތުން އެ މީހަކު ޕާޓީން ވަކިވާގޮތަށް ވަނީ ހަމަޖައްސާފައެވެ. މިބަދަލާއެކު ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަކިވާނަމަ ނުވަތަ ބަދަލުވާނަމަ އެކަން ރަސްމީކޮށް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ. އަދި އީސީގެ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް މެންބަރުން އުނިކުރުމުގެ ފުރުސަތު ޕާޓީތަކަށް ވަނީ ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!