ހއ. އުލިގަމުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މަސްފިހުމުގެ އިޖްތިމާއީ ބޮޑު ހަރަކާތް ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފިއެވެ.

މީގެ އެތައް އަހަރެއްގެ ކުރިން އުލިގަމުގައި ފެށުނު މިހަރަކާތަކީ މިހާރު އެ ރަށުގެ ބްރޭންޑަކަށް ވަނީ ވެފައެވެ. ވުމާއިއެކު ކުރިއާއި ހިލާފަށް މި ހަރަކާތް މިހާރު ކުރިއަށް ގެންދަނީ އެ ރަށުގެ ކައުންސިލުގެ ހަރަކާތް ކަލަންޑަރުގައި ހިމަނައިގެން ކައުންސިލުން ހަރަދު ކޮށްގެން ރަށު އެންމެން ބައިވެރިވުމާއި އެކުގައެވެ.

Ad
rt

އުލިގަމު ކައުންސިލުން ކުރިން ވިދާޅުވެފައިވާ ގޮތުގައި އުލިގަމު މަސްފިހުމުގެ ހަރަކާތަކީ 1980 ގެ ކުރީކޮޅުގައި ފެށިގެން އައި ހަރަކާތެކެވެ. އެދުވަސްވަރު ރިޒޯޓުތަކުގައި ވަޒީފާ އަދާކުރަމުންއައި އެރަށުގެ ޒުވާނުން ރަށަށް ޗުއްޓީއަށް ގޮސް ފެށި މަސް ފިހުމުގެ ހަރަކާތް މިހާރުވަނީ ޒަމާންދުށް ބަދަލުތަކަށް ފުރޮޅާލައިފައެވެ. އެ ހަރަކާތުގެ ނަން މިހާރު ވަނީ ދަ ގްރޭޓް މޯލްޑިވިއަން ބާބަކިއު އަށް ބަދަލުވެފައެވެ.

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް 2025، ފޮޓޯ: އަކްރަމް އާދަމް/އުލިގަމު ކައުންސިލް

މި އަހަރު މި ހަރަކާތް ހޮނިހިރު ދުވަހު ބާއްވާފައިވާއިރު، މިކަމުގެ ތައްޔާރީތައް ވަނީ 26 ޑިސެމްބަރު ދުވަހު ހަވީރު 16:30 އިން ފެށިގެން ފަށާފައެވެ. އެދުވަހު ވަނީ މަސް ފިހުމަށް ބޭނުންވާ ބައެއް ތަކެތި ބަނދަރަށް ގެންދިއުމާއި، ބެނާ ހެދުމާއި، މަސްފިހާ ސަރަހައްދަށް ފެންޖެހުން ފަދަ ކަންކަން ކޮށްފައެވެ.

ރަށުގެ ކުދިބޮޑު އެންމެންގެ ބައިވެރިވުމާއި އިޖުތިމާއީ ރޫޙްގައި ގެންދާ މި ހަރަކާތުގައި ދޯނިތައް މަހަށްފުރާފައި ވަނީ 27 ވަނަ ދުވަހު ހެނދުނު 6:00 ގައެވެ. އެއަށްފަހު ހެނދުނު 9:00 ހާއިރުން ފެށިގެން މަސްފިހުމަށްބޭނުންވާ ނާށި އަދި ދަރު މަސްފިހާތަނަށް އެއްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފަތިހު ދޯނިތައް މަހަށް ފުރުން، ފޮޓޯ: އަކްރަމް އާދަމް/އުލިގަމު ކައުންސިލް

މެންދުރު ފަހު ފިރިހެންވެރިން މަސް ފިހުމަށް ބޭނުންވާނެ އަށި ތައްޔާރުކޮށް، މަސް ފިހުމަށް ބޭނުންކުރާނެ އޫ ތައްޔާރުކުރިއިރު، އަންހެންވެރިން ވަނީ ކެއުމުގެ ބާވަތްތަކާއި މިރުސްގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ.

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތުގައި މިރުސްގަނޑު ތައްޔާރުކޮށްފައި، ފޮޓޯ: އަކްރަމް/އުލިގަމު ކައުްންސިލް

މިހަރަކާތުގައި މަސްފިހެ، ޖާފަތަށް އިންސާފުކުރުން އޮތީ ރޭގަނޑު 8:30 ގައެވެ. އެ ޖާފަތަށް އުލިގަމު ކައުންސިލުން ވަނީ ރަށުގައި ދިރިއުޅޭ އެންމެނަށް ދައުވަތު ދީފައެވެ.

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް 2025، ފޮޓޯ: އަކްރަމް އާދަމް/އުލިގަމު ކައުންސިލް

އުލިގަމަކީ ޒަމާނުއްސުރެ ވަރަށް އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށްވާއިރު، މި ހަރަކާތުގެ ސަބަބުން އިތުރަށް އެ ރަށުގެ ސަފުތައް ބަދަހިވުމަށް މަގުފަހިވެގެން ދެއެވެ.

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް 2025، ފޮޓޯ: އަކްރަމް އާދަމް/އުލިގަމު ކައުންސިލް

މި ހަރަކާތަކީ މިހަތަނަށް ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު މަސްފިހުމުގެ ހަރަކާތެވެ. އުލިގަމު ކައުންސިލުން ކުރިން ދެއްވި މައުލޫމާތުގައިވާގޮތުން މިހަރަކާތަށް މި އަހަރު 44 ފުރޭނެއެވެ.

އުލިގަމު މަސްފިހުމުގެ ބޮޑު ހަރަކާތް 2025، ފޮޓޯ: އަކްރަމް އާދަމް/އުލިގަމު ކައުންސިލް

އުލިގަމުގެ ކުދިބޮޑު އެންމެން ޖަމާވެ ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްފިހުމުގެ މި ހަރަކާތަކީ އެ ރަށުގެ ސަޤާފަތާއި ގުޅިފައިވާ ހަރަކާތެކެވެ. މި ދުވަސް ސިފަވެގެން ދަނީ އުލިގަމަށް ކުޑަވަރެއްގެ ޢީދެއްގެ ގޮތުގައެވެ.