ރައީސް ޑރ. މުޙައްމަދު މުޢިއްޒު، "އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް"ގެ ނަން "އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް"ގެ ނަމަށް މިއަދު ބަދަލުކުރައްވައިފިއެވެ.

މިކަން އިޢުލާންކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި، ދެންނެވުމުގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ، މި ބަދަލު ގެންނެވީ، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ދިވެހިރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރައްވައި، ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާގޮތަށް ހަމަޖެއްސެވުމުގެ ބޭނުމުގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބަދަލާއެކު ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ، މިހައިތަނަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ހަމަޖައްސަވައިފައިވާ ނަންބަރު 453 ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ދިވެހިރާއްޖޭގެ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑް (AVSECOM) ރަސްމީކޮށް އުފެދިގެން އައީ 1 ޖެނުއަރީ 2013 ގައެވެ. މި މުއައްސަސާ އުފެއްދެވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުންނެވެ.

މި ކޮމާންޑް އުފެދުމުގެ މުހިންމު ބައެއް ތަފްސީލުތަކަށް ބަލާއިރު، މައިގަނޑު މަސްއޫލިއްޔަތަކީ ގައުމީ ގާނޫނުތަކާއި ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެވިއޭޝަން ސެކިއުރިޓީގެ ސިޔާސަތުތަކާއި އުސޫލުތައް އެކުލަވާލުމެވެ. މި މުއައްސަސާ ހިންގަމުންދަނީ މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުންނެވެ.

މިހާރުގެ އޮނިގަނޑު 2013 ގައި ގާއިމުކުރެވުނު ނަމަވެސް، މި މުއައްސަސާގެ އަސްލު ގުޅިފައިވަނީ 1966 ވަނަ އަހަރު އެއާޕޯޓް ގާޑް ސާވިސްގެ ނަމުގައި ފެށުނު ހިދުމަތާއެވެ. 2013 ގެ ގަރާރުގެ ކުރިން މިފަދަ ކަންކަން ބަލަހައްޓަމުން ދިޔައީ މޯލްޑިވްސް ސިވިލް އެވިއޭޝަން އޮތޯރިޓީ (MCAA) އިންނެވެ. މި ބަދަލާއެކު، ރާއްޖޭގެ ފުޅާވަމުން އަންނަ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި ހުރިހާ ޒިންމާތަކެއް އެއް މުއައްސަސާއެއްގެ ދަށަށް ޖަމާކުރެވުނެވެ.