ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރިމަތިލާ ކެންޑިޑޭޓުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ.

އެމްޑީޕީން މިއަދު ކުރި ޢިއުލާނެއްގައި ބުނީ، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ހުޅުވާލެވުނު އިއުލާނާއި ގުޅިގެން ކުރިމަތިލާފަވާ ފަރާތްތަކުގެ ތެރެއިން އިންތިޚާބު ބާއްވަންޖެހޭ ރަށް އަދި ސިޓީތަކުން ކުރިމަތިލި ކެންޑިޑޭޓުންގެ ދާއިމީ ލިސްޓް އާއްމުކުރާ ކަމަށެވެ.

Ad
rt

މި ލިސްޓަށް ބަލާއިރު، ބޮޑު ތިލަދުންމަތީގައި ޕްރައިމަރީ އޮންނަނީ ހަތަރު ރަށެއްގައެވެ. އެއީ، ހއ.ދިއްދޫ، ފިއްލަދޫ، ހދ. ނެއްލައިދޫ އަދި ފޯކައިދޫ ގައެވެ.

މީގެ ތެރެއިން ދިއްދޫގައި ޕްރައިމަރީ އޮންނަނީ ކައުންސިލަށް ހޮވާ ދެ ފިރިހެން މެމްބަރުންގެ ޖާގައަށް ދެ ކެންޑިޑޭޓުން ކަނޑައެޅުމަށެވެ. އެ ޖާގައަށް ކުރިމަތިލާފައިވާ ތިން މީހުންނަކީ މުހައްމަދު ޒާހިރު، މުހައްމަދު ސަނޫން އަދި ފަތުހުﷲ މުހައްމަދެވެ.

ފިއްލަދޫގައި ޕްރައިމަރީ އޮންނަނީ ކައުންސިލް ރައީސަށް ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށެވެ. އެ ޖާގަ އަށް ވެސް ތިން މީހަކު ވަނީ ކުރިމަތިލާފައެވެ. އެއީ، އީސާ ހާރޫން، ޢަބުދުﷲ ނާސިހް އަދި ފަތުހުﷲ ހަސަން އެވެ.

ނެއްލައިދޫގައި ޕްރައިމަރީ އޮންނަނީ އަންހެން މެމްބަރުގެ ޖާގަ އަށް ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށެވެ. އެ ޖާގައަށް ވާދަކުރަނީ އައިޝަތު ދިމްނާ އަދި ފާތިމަތު މަމްދޫދާ އެވެ.

ފޯކައިދޫގައި ޕްރައިމަރީ އޮންނަނީ ކައުންސިލް ރައީސް ކަމާއި، މެމްބަރު ކަމާއި އަދި ޑަބްލިޔުޑީސީ މެމްބަރުކަމަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށެވެ.

ފޯކައިދޫގައި ކައުންސިލް ރައީސް ކަމަށް އެމްޑީޕީގެ ޓިކެޓް ހޯދަން ހަތަރު މީހަކު ވަނީ ކުރިމަތިލާފައެވެ. އެއީ މިހާރުގެ ރައީސް އަހްމަދު އާސިފްގެ އިތުރުން އަބުދުﷲ އުބައިދު، ހުސައިން ޝާހް އަދި އަހްމަދު އަންވަރެވެ.

ފޯކައިދޫ ކައުންސިލަށް ހޮވާ ފިރިހެން ދެ މެމްބަރުކަމުގެ އެމްޑީޕީ ޓިކެޓް ހޯދަން ތިން މީހަކު ކުރިމަތިލާފައިވާއިރު، އެއީ މައުމޫން ރަޝީދު، މުހައްމަދު ސަލީމް އަދި މުހައްމަދު ރިމާޒް އެވެ.