ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބާއްވަންޖެހޭ ރަށްތަކާއި ދާއިރާތަކުގެ ޕްރައިމަރީގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.

މި ޕްރައިމަރީ އަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް މީހުން ކުރިމަތިލުމުން ޕްރައިމަރީ ނޯންނަ އަތޮޅު ތަކުގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ހދ. އަތޮޅާއި، ށ. އަތޮޅު ވަނީ ހިމެނިފައެވެ.

Ad
rt

ނަމަވެސް ހއ. ގެ ތިން ރަށެއްގައި ޕްރައިމަރީ ކުރިއަށް އެބަދެއެވެ. އެއީ ބާރަށް، އުތީމު އަދި ފިއްލަދޫގައެވެ. މި ތިންރަށުގައި ވެސް ޕްރައިމަރީ ބާއްވަނީ ފިރިހެން މެމްބަރުންގެ ދެ ޖާގައަށް ކެންޑިޑޭޓުން ހޮވުމަށެވެ.

ޕީއެންސީގެ ޕްރައިމަރީ ފަށާފައި ވަނީ މިއަދު ހެނދުނު 9:00 ގަ އެެވެ. އެ ވޯޓުލުން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މި ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރާއިރު، އެއިގެ ތެރޭގައި ހިމެނެނީ ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 ކެންޑިޑޭޓުންނެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ބާއްވަން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.