ހުޅުމާލޭގައި އުމުރުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލާގައި ބައިވެރިވި 17 އަހަރުގެ ކުއްޖާ 12 އަހަރަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖޫން، 2021 ގައި 13 އަހަރުގެ ކުއްޖާ މަރާލުމަށްފަހު ފޮށްޓަކަށްލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުޅުމާލޭ ފޭސް 2 ގެ މޫންނެވެ.

Ad
rt

އެ މައްސަލާގައި އޭރު އުމުރުން 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ކުރީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ ކުއްޖާގެ މައްޗަށް އެ ހުރިހާ ދައުވާތަކެއް ސާބިތުވާތީ އެ ކުއްޖާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގައި 11 މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމަކާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގައި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް ޖުވެނައިލް ކޯޓުން އިއްވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް ހުކުމުގައި އެ ކުއްޖާއަށް އަންގާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

މީގެ އިތުރުން އެ މައްސަލާގައި އިތުރު މީހެއްގެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާތީ އެ މައްސަލަ ނިމުމުން މަރުގެ ދިޔައާ މެދު ގޮތެއް ކަނޑައެޅުމަށް ޖުވެނައިލް ކޯޓަށް ހުށަހަޅަން އެ ކޯޓުގެ ހުކުމުގައި އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.