ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ މަންދޫބުންނާ ބައްދަލުކުރައްވައި، ޓެކްސީގެ ޚިދުމަތް ހަރުދަނާކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ޓެކްސީ އެސޯސިއޭޝަނުން ވަނީ ޑްރައިވަރުންނަށް މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ.
އޭގެ ތެރޭގައި ޓެކްސީ ވެހިކަލް ރަޖިސްޓްރީކުރުމުގައި ހުރި ދަތިތަކާއި، ޕާކިންގް މައްސަލަތަކުގެ އިތުރުން މާލޭގެ ޓްރެފިކް ތޮއްޖެހުމަށް ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ސަރުކާރުން އަލަށް ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިނާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.
މި އައު ޚިދުމަތާ ގުޅޭގޮތުން ޑްރައިވަރުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާފައިވާއިރު، އަދި ޓެކްސީ ޚިދުމަތްދޭ ފަރާތްތަކުގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމުގެ މުހިންމުކަމާ ބެހޭގޮތުން ދެފަރާތުން ވަނީ ޚިޔާލު ބަދަލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންގެ މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުންތައް ހާމަކުރެއްވިއެވެ. އަދި ޑްރައިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، މި ދާއިރާ ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެސޯސިއޭޝަނުން ހުށަހެޅި ކަންތައްތަކަށް "އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ" ކަމުގެ ޔަޤީންކަން ޑްރައިވަރުންނަށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!