ބަންގްލަދޭޝްގައި މިދިޔަ އަހަރު އެގައުމުގެ އެއިރުގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ވެރިކަން ބަދަލުކުރުމަށް ހިންގި ދަރިވަރުންގެ ހަރަކާތުގެ އިސް ޒުވާން ލީޑަރ ޝަރީފް އޮސްމާން ހާދީ މަރުވުމާ ގުޅިގެން، އެ ޤައުމުގައި ހަމަނުޖެހުން ހިންގަންފަށައިފިއެވެ.

ހާދީ، (32 އަހަރު) އަށް ޑާކާގައި މިދިޔަ ހަފްތާގައި ދިން ބަޑީގެ ހަމަލާއެއްގައި ޒަޚަމްވެ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށް ބުރާސްފަތި ދުވަހު ވަނީ މަރުވެފައެވެ.

Ad
rt

އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުން ބުނާގޮތުގައި، ހާދީ މަރުވުމާއި ގުޅިގެން އެތައްސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ ހިންގަމުން އަންނަ ހަމަނުޖެހުންތަކުގައި، އެ ގައުމުގެ މަޝްހޫރު ނޫސްތަކެއް ކަމަށްވާ 'ޕްރޮތޮމް އަލޯ' އާއި 'ދަ ޑެއިލީ ސްޓާރ' ހިންގާ އިމާރާތްތަކަށް ރޭގަނޑު ވަނީ އަލިފާން ރޯކޮށް ގެއްލުންދީފައެވެ.

ބަންގްލަދޭޝްގެ ވަގުތީ ވެރިޔާ ވަނީ މިއަދު (ހޮނިހިރު ދުވަހު) ހިތާމަ ފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައި، ހަމަޖެހުމަށް ގޮވާލައްވާފައެވެ.

މި ހަރަކާތުގެ ތަރުޖަމާނު، ޝަރީފް އޮސްމާން ހާދީ މަރާލުމާ ގުޅިގެން މުޅި ޤައުމުގައި ހިނގަމުންދާ ރުޅިވެރި މުޒާހަރާތަކާ ގުޅިގެން، 'ޕްލެޓްފޯމް ފޯ ރިވޮލިއުޝަން' އިން އެ ހަރަކާތުގެ ފަރާތްތަކަށް ވަނީ "ހަމަނުޖެހުންތަކުން ދުރުހެލިވުމަށް" އިލްތިމާސްކޮށްފައެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވެސް ވަނީ މި ހަމަނުޖެހުންތައް ކުށްވެރިކޮށްފައެވެ. މީގެ ތެރޭގައި ދެ ނޫހަކަށް ދިން އަލިފާނުގެ ހަމަލާތަކާއި، މައިމެންސިންހްގައި ހިންދޫ ފިރިހެނަކު ނުކުރާކަމަކަށް އަދަބުދިނުމުގެ ގޮތުން މަރާލި ކަމަށް ތުހުމަތުކުރެވޭ ހާދިސާ ހިމެނެއެވެ.

ބީއެސްއެސް ނިއުސް އެޖެންސީން ރިޕޯޓުކުރާ ގޮތުގައި، ހާދީގެ ހަށިގަނޑު މިހާރު ދަނީ އޭނާ މަރުވުމުގެ ކުރިން ފަރުވާ ހޯދަމުންދިޔަ ސިންގަޕޫރުން ބަންގްލަދޭޝްއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. މިއަދު ބަންގްލަދޭޝްގެ އެކި މިސްކިތްތަކުގައި އޭނާއަށް ޚާއްޞަ ދުޢާ ކުރުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބަންގްލަދޭޝްގެ މައިގަނޑު ސިޔާސީ ޕާޓީތައް ކަމަށްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އާއި ޖަމާޢަތު-އިސްލާމީ އިން ވަނީ ހާދީ މަރާލުމާ ގުޅިގެން ތަޢުޒިޔާ ފޮނުވާފައެވެ. ވަގުތީ ވެރިޔާ މުޙައްމަދު ޔޫނުސް ވަނީ އޭނާގެ މަރު ސިފަކުރައްވާފައިވަނީ "ޤައުމުގެ ސިޔާސީ އަދި ޑިމޮކްރެޓިކް ދާއިރާއަށް ލިބުނު ބަދަލު ނުކުރެވޭނެ ގެއްލުމެއް" ކަމުގައެވެ.

ހާދީގެ ސަޕޯޓަރުން ހާދީގެ މަރު ތުހުމަތުގެ އިނގިލި އިންޑިއާ އަށް ދިއްކުރަމުން އަންނައިރު އިންޑިއާ ސަރުކާރުން ބަންގްލަދޭޝްގެ "އެތެރޭގެ ހާލަތު" ގާތުން ބަލަމުން އަންނަ ކަމަށާއި، ނަމަވެސް އެ ޤައުމުގެ އެތެރޭގެ ކަންކަމަށް ނުވަންނާނެ ކަމަށް ނިއު ދިއްލީގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ވަނީ ބުނެފައެވެ. ހައި ކޮމިޝަންގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އިންޑިއާ އާއި ބަންގްލަދޭޝްގެ އިސް އޮފިޝަލުންނަށް ވަނީ ބަންގްލަދޭޝްގެ އެތެރޭގެ ހާލަތު އަދިވެސް ބަދަލުވަމުންދާ، އަދި ވަރަށް ފުރިހަމަ އަދި އިންސާފުވެރި ދިރާސާއެއް ބޭނުންވާ ހާލަތެއް ކަން ވަރަށް ރަނގަޅަށް އެނގިފައެވެ."

"ކޮންމެ ޤައުމެއްގައި ވެސް ވެރިކަން ބަދަލުވުމަށްފަހު އަންނަ މަރުޙަލާތަކުގައި ބޭއިޚްތިޔާރުގައި ނުވަތަ ހިތާމަވެރި ނަތީޖާއެއް ނިކުތުމަކީ ވެދާނެ ކަމެއް، އަދި މިކަން ހާމަވަނީ [ޝަރީފް] އޮސްމާން ހާދީ ފަދަ ގިނަ ބައެއްގެ އިޙްތިރާމް ލިބިފައިވާ ޒުވާން ލީޑަރެއް މަރާލުމުންނެވެ." އެ ބަޔާނުގައި ބުނެފަވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބަންގްލަދޭޝްގައި ހިނގަމުންދާ ކަންކަމަށް އިންޑިއާ އިން "ސަމާލުކަން ދިން ނަމަވެސް"، އަވަށްޓެރި ޤައުމުގެ ސިޔާސީ ކަންކަމުގެ ތެރެއަށް "ވަދެ ނުގަންނާނެ" ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ފަދަ ކުށް ސާބިތުވެފައިވާ ބޭފުޅުންނަށް އިންޑިއާ އިން ހިމާޔަތް ދެމުންދާ ކަމަށް ތުހުމަތުކޮށްފައެވެ.