ސްރީލަންކާއަށް ދިމާވި ކާރިސީ ހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނުން ލިބުނު 834,843.98 ޑޮލަރު އެ ގައުމުގެ ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
މި އެހީ ޚާރިޖީ ވުޒާރާގެ ފަރާތުން ލަންކާއާ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދެވެ.
މި ޓެލެތޯން ފެށިފައިވަނީ ނޮވެންބަރު 30 ވަނަ ދުވަހުއެވެ. ސްރީލަންކާއަށް އެހީވުމުގެ މި ހަރަކާތުގައި ޖުމްލަ 37 މީޑިއާ އިދާރާ ގުޅިގެން މަސައްކަތްކޮށްފައިވެއެވެ.
މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުރުން ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އިތުރުން ކުލަބު ޖަމިއްޔާތަކުން ވެސް ބޮޑު އެއްބާރުލުމެއް ލިބުނު މަސައްކަތެކެވެ. ޓެލެތޯނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ ބަޔަކު ބޮޑެތި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
މި ޓެލެތޯން ކުރިއަށް ގެންދިޔައީ ބީއެމްއެލްއިން ހަމަޖެއްސި ޚާއްސަ އެކައުންޓަކާއި ފަންޑު ފޮށިތަކެއް ބޭނުންކޮށްގެންނެވެ. ހަމައެއާއެކު މި ހަރަކާތުގެ ދެފުށް ފެންނަ ގޮތަށް ކަންކަން ބެލެހެއްޓުމުގައި ކްރޯ މޯލްޑިވްސްގެ ބެލުމުގެ ދަށުން މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޓެލެތޯނަށް އެންމެ ގިނަ ފައިސާ ހަދިޔާކުރި ދެ ފަރާތަކީ ދިވެހި ފުލުހުން (2.4 މިލިއަން ރުފިޔާ) އާއި ދިވެހި ސިފައިން (1 މިލިއަން ރުފިޔާ) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!