ސްރީލަންކާގެ ޗުންޑިކުލަމް ސަރަހައްދުގައި ފެންބޮޑުވުން ކޮންޓްރޯލްކުރުމުގެ އޮޕަރޭޝަނެއްގައި ބައިވެރިވެފައި ވަނިކޮށް ގެއްލިފައިވާ ނޭވީގެ ފަސް ސިފައިން މަރުވެފައިވާކަން އެ ގައުމުގެ ފުލުހުން ކަށަވަރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުމީ ގޯސް ހާލަތްތަކާ ގުޅިގެން ފެންބޮޑުވުމުގެ ކާރިސާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
ލަންކާގެ ފުލުހުންނާ ހަވާލާދީ ލަންކާ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު އެ ސިފައިން ގެއްލުނީ، ފެން ދެމޭ މަގެއް ފުޅާކުރުމުގެ މަސައްކަތެއްގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. ހާދިސާ ހިނގިކަން އެނގުމާއެކު ނޭވީން ވަނީ ވަގުތުން ޚާއްސަ ހޯދުމުގެ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި ތަހުގީގީ ޓީމުތަކާއި ސާޗް އެންޑް ރެސްކިއު ޓީމުތައް ވަނީ ހާދިސާ ހިނގި ސަރަހައްދަށް ފޮނުވާފައެވެ.
ނޭވީގެ ތަރުޖަމާނު ކެޕްޓަން ގަޔަން ވިކްރަމަސޫރިޔާ ވިދާޅުވީ، މަރުވި ސިފައިންނަކީ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ފެންބޮޑުވުމުގެ ކާރިސާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ ޓީމެއްގެ މުހިންމު ބައެއް ކަމަށެވެ. މި ސިފައިންގެ ގެއްލުމަކީ ނޭވީއަށް ލިބުނު ބޮޑު ހިތާމައެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ނުރައްކާވެފައިވާ މޫސުމީ ހާލަތްތަކުގެ ތެރޭގައި ވެސް، ގެއްލުނު ފަސް ސިފައިންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ހަވީރުގެ ނިޔަލަށް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ނޭވީން ދަނީ އިތުރު ތަހުގީގުތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!