ސަރުކާރުގެ ''ބޯހިޔާވަހިކަން އެންމެނަށް'' ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ''ޢާއިލީ ބޯހިޔާވަހިކަން'' ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. މި އިފްތިތާޙާއެކު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތަކާއި، ފްލެޓް ދޫކުރުމުގެ އުސޫލު އަދި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުތައް ވަނީ އާއްމުކޮށްފައެވެ.

Ad
rt

މި ބޯހިޔާވަހިކަމުގެ ސްކީމްތަކުން ފުރުޞަތު ދިނުމަށް ވަނީ މައިގަނޑު ހަތަރު ކެޓަގަރީއަކަށް ބަހާލާފައެވެ. އެއީ މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހިކުރުމަށް ފުރުޞަތު ދިނުމާއި، މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ޚާއްސަކޮށްގެން ޕްރޮޖެކްޓުތައް ހިންގުމެވެ. އަދި އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްކުރުމާއި، އެންމެ ފަޤީރު ޙާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމާއި ގުޅޭ ސްކީމްތައް ވެސް ސަރުކާރުން ވަނީ އިޢުލާނުކޮށްފައެވެ. މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި ހިމެނޭ ދެ ކެޓަގަރީއަކީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ. ގޯތި ދޫކުރުމުގެ އުސޫލުގައިވެސް ހިމެނެނީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސްކީމުގެ ދަށުން ރަސްމާލެއިން 15,000 ގޯތި ދޫކުރާނެކަން އިއުލާންކުރައްވާފައެވެ. މީގެ އިތުރުން، މާލެ ސަރަހައްދުގައި 7,000 ފްލެޓްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުތަކަކީ ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްތަކެކެވެ.