ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓު ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ބޭންކުގައި އެދިވަޑައިގެންފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސް މުޢިއްޒު މީސްމީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ، ބީއެމްއެލްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމަށެވެ. އެހެންކަމުން، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބީއެމްއެލްއާއެކު ވަނީ މަޝްވަރާ ކުރެވިފައި ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން، ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓްވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
މީގެއިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މަޢުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ވާނީ ދަންނަވާފައި ކަމަށް ރައީސްގެ ޕޯސްޓުގައިވެ އެވެ.
މިގޮތަށް ލުއިތަކެއް ހޯދައިދިނުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ރައްޔިތުންނަށް ލިބޭނެ ބޮޑު އެހީއެއް ކަމަށް ސަރުކާރުން ދެކެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!