ހދ. ހަނިމާދޫ، ވާދީ އަބުދުއްލަޠީފް ޤާސިމް (ކަތީބު ކުޑޭ) ރޭ މިދުޔެއާއި ވަކިވެގެން ދިޔުމުން މުޅި ހަނިމާދޫއަށް ވަނީ މޮޅިވެރިކަމާއި، ފުން ހިތާމައެއް ލިބިފައެވެ.

ރަށު އެންމެންގެ ކަތީބު ކުޑޭގެ މިރޭ ކުއްލި ގޮތަކަށް މިދުޔެއާއި ވަކިވެގެން ދިޔައީ ބަލިވެ އުޅުމަށްފަހުގައެވެ.

Ad
rt

އަބުދުއްލަޠީފް މިހާރުވަނީ މެންދަމުގެ ވަގުތެއްގައި ވަޅުލާފައެވެ. ނިޔާވި އިރު އަތްބަކާއި ދެ ފިރިހެން ކުދިންނާއި، އަންހެން ކުއްޖެއް ދުނިޔޭގައި އެބަހުއްޓެވެ.

އަބުދުއްލަޠީފްވަނީ މެދު ނުކެނޑި 27 އަހަރު ސަރުކާރަށާއި، ހަނިމާދޫއަށް ޚިދުމަތް ކުރައްވާފައެވެ. ބަލި ހާލު ހުރިގޮތުން އަބުދުއްލަޠީފް އަދާ ކުރައްވަމުން ގެންދެވި ހަނިމާދޫ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ ވަޒީފާއިން އަމިއްލައަށް ވަކިވެ ވަޑައިގަތީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

އަބުދުއްލަޠީފްވަނީ ޚިދުމަތުގެ 27 އަހަރުގެ ތެރޭގައި ހަނިމާދޫ ކުޑަ ކަތީބުގެ މަޤާމް ދިގުމުއްދަތެއް ވަންދެން އަދާ ކުރަށްވާފައެވެ. ފަހުން ސިވިލްސަރވިސް ކޮމިޝަނުން ކުޑަ ކަތީބު މަޤާމު އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށް ބަދަލު ކުރެއްވުމުން ދެން ހުންނެވީ އެމަޤާމުގައެވެ.

އަބުދުއްލަޠީފްއަކީ ހަނިމާދޫގެ ރައްޔިތުންނާއި ނުހަނު ގުޅޭ، މިޒާޖުގައި ހިތް ހެޔޮކަން ހުންނަ، ރަށުގެ ތަރައްޤީގެ ބައިވެރިއެއްމެއެވެ. އަބުދުއްލަޠީފަކީ ހަނިމާދޫއަށް ތަރައްޤީ ގެނައުމަށް ބުރަކޮށް މަސައްކަތް ކުރެއްވި ހީވާގި ލީޑަރެކެވެ.

ސަރުކާރުގެ ވަޒީފާގެ އިތުރުން އިޖުތިމާއީ ގޮތުންވެސް ރަށަށް ގިނަގުނަ ޚިދުމަތް ތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ހަނިމާދޫގައި އިޖުތިމާއީ މަސައްކަތް ކުރުމަށް އުފެއްދި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމެޓީގެ ރައީސަކީވެސް އަބުދުއްލަޠީފެވެ. ނިޔާވި އިރުވެސް އަބުދުއްލަޠީފް ހުންނެވީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރެއްގެ ގޮތުގައެވެ. އެއީ އެކި ގޮތްގޮތުން ރަށަށް ޚިދުމަތް ކުރެއްވި ޚިދުމަތްތެރިއެކެވެ.

އުމުރުން 53 އަހަރުގައި އަބުދުއްލަޠީފް މިދުނިޔެއާއި ވަކިވެގެން ދިޔައީ މުޅި ހަނިމާދޫ ރޮއްވާލާފައެވެ.

އަބުދުއްލަޠީފަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން