ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައެއް ފެންމަތިވެފައި ވަނިކޮށް ކ. ހުރާގައި ފުލުހުން މިއަދު ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.
ކ. ހުރައިން ''ތިލަދުން''އަށް މެންދު ވާހަކަދެއްކި މީހަކު ބުނީ ލޯންޗެއްގައި މިއަދު ހެނދުނު އެރަށަށް ދިޔަ ބަޔަކާއި، އެ ލޯންޗް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ފުލުހުން މިއަދު އެރަށުގައި އޮޕަރޭޝަނެއް ހިންގުމަށް ފަހު، އެރަށުގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ތިއްބާކަމަށްކަމަށް ވެސް އެމީހާ ބުންޏެވެ.
މިރޭ އިރާކޮޅު އެމީހާ ''ތިލަދުން'' އާއި ހިއްސާ ކުރި ބައެއް ފޮޓޯތަކާއި ވީޑިއޯ އިން ގިނަ އަދަދެއްގެ ފުލުހުން ލޯންޗެއް ބަލާފާސްކުރާ މަންޒަރު ފެނެއެވެ.
''ވަރަށް ގިނައިރުވަންދެން ފުލުހުން ވަނީ ލޯންޗް ޗެކްކޮށްފައި،'' އޭނާ ބުންޏެވެ.
ފުލުހުން ހުރާ ބަނދަރުގައި ލޯންޗް ބަލާ ފާސްކުރަނީ، ފޮޓޯ: ކިޔުންތެރިއެއް
އޭނާ ބުނިގޮތުގައި އެރަށުން ހައްޔަރުކުރި މީހުންގެ ތެރޭގައި ކ.އަތޮޅުގެ އެހެން ރަށަކަށް ނިސްބަތް ދެ މީހަކު ތިއްބެވެ. އަދި އެމީހުންނާއި ތިމާގެ މީހެއް އެރަށުގައި އުޅޭކަމަށް ވެސް އޭނާ ކިޔައިދިނެވެ.
ހުރައިން ހައްޔަރުކުރީ އެއާޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންތޯ ސާފުކުރަން ''ތިލަދުން'' އިން ފުލުހުންނާއި ކުރި ސުވާލަށް އަދި ޖަވާބު ނުދެއްވާތީ އެއީ އެމީހުންކަން އަދި ކަށަވަރެއްނުވެއެވެ.
ވީއައިއޭއިން ފޭރިގަތުން: ހަތަރު މީހަކު ހައްޔަރުކޮށް ލޯންޗު ހޯދައިފި
މި މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށް، މި ކުށުގައި ބޭނުންކުރި ލޯންޗު ހޯދާފައިވާކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން މިއަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ ވަނަވަރެއް އަދި ހާމައެއް ނުކުރެއެވެ. އަދި ހައްޔަރުކުރިތަނެއް ވެސް ނުބުނެއެވެ.
މިކަމާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބެންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. އެމީހުން ސޫޓްކޭސް ހިފައިގެން ފިލާފައި ވަނީ ލޯންޗެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!