ހދ. ނައިވާދޫއިން ވިއްކުމަށް ހަމަޖެހިފައިވާ 8 ބިމުގެ ތެރެއިން ނުވިކި އޮތް 4 ބިން ވިއްކުމަށް ނައިވާދޫ ކައުންސިލް އިދާރާއިން ނިންމާފައިވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލައިފިއެވެ.
މިއިން ކޮންމެ ބިމެއްގެ ބޮޑު މިނަކީ އިން 3000 އަކަފޫޓެވެ.
ނައިވާދޫ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، އެ ރަށުން ވިއްކުމަށް ހަމަޖެހިފައިވާ 4 ބިން ވިއްކުމަށް ހުޅުވާލެވިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/250 ރުފިޔާކަމަށެވެ. އަދި މި ބިންތައް ގަންނަ ފަރާތްތަކަށް 5 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދެއްކޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
މި 4 ބިން ވިއްކުމަށް ބީލަން ފޮތް ދޫކުރުމަށް ހަމަޖެހިފައިވަނީ ގަންނަން ބޭނުންވާ ކޮންމެ ބިމަކަށް ވަކި ބީލަންފޮތެއްގެ ގޮތުގައެވެ. މިއިން ބީލަން ފޮތެއްގެ އަގަކީ -/1000 (އެއްހާސް) ރުފިޔާއެވެ. އަދި ބީލަން ހުށަހެޅޭނީ ބީލަން ގަތުމަށްއެދި އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅާ އަދި ހުޅުވާލެވިފައިވާ މުއްދަތުގައި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
މިގޮތުން މި މަސައްކަތުގެ ޕްރީ ބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 29 އޮކްޓޯބަރ ވާ ބުދަ ދުވަހު އޮންލައިން ސެޝަން އެއް މެދުވެރިކޮށެވެ. އަދި މެއިލް މެދުވެރިކޮށް މި މަސައްކަތުގެ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް ހުށަހަޅަންވެސް ޖެހެނީ އޮކްޓޯބަރ 29 ވާ ބުދަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންނެވެ.
މީގެ އިތުރުން މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮތީ 5 ނޮވެމްބަރ ވާ ބުދަ ދުވަހުގެ މެންދުރު 1 ޖަހާއިރު ހދ ނައިވާދޫ ކައުންސިލު އިދާރާގައެވެ.
މި އިއުލަނާއި ގުޅިގެން ނައިވާދޫ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، 18 އަހަރުން މަތީގެ ދިވެހި ކޮންމެ ރައްޔިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!