ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގެ އަންހެން ބީޗްވޮލީ އިވެންޓްގައި ރާއްޖޭގެ އައިޝަތު ދީމާ ނަދީމާއި އަޒްކާ ބިންތު މުހައްމަދު ސިގުދީގެ ޕެއާއިން މޮންގޯލިއާގެ ޕެއާ ބަލިކޮށް، ކުއާޓާ ފައިނަލާ ކައިރިވެއްޖެއެވެ.
ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި މިރޭ ކުޅުނު މެޗުގައި ދިވެހި ޕެއާއިން ވާދަކުރީ މޮންގޯލިއާގެ ނަންދިނާރްޑޭން ނަރަންބަޓާރާއި ސެލްމޫން އެލްބެގެޔާރާ ދެކޮޅަށެވެ. ދިވެހި ޕެއާއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 2-1 ސެޓުންނެވެ.
ގްރޫޕް ބީގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ކ. ހުރާއަށް ނިސްބަތްވާ ދެ ކުޅުންތެރިންކަމަށްވާ ދީމާއާއި އަޒްކާގެ ޕެއާއިން ވަނީ މޮޅުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ މެޗުގައި ދިވެހި ޕެއާއިން ވަނީ ހޯސްޓް ބަހްރެއިން ބަލިކޮށްފައެވެ. ގްރޫޕް ބީގައި ހަ ގައުމަކުން ވާދަކުރާއިރު، އިތުރު އެއް މޮޅާއެކު ރާއްޖޭގެ ޕެއާއަށް ކުއާޓާ ފައިނަލް ޔަގީންކުރެވޭނެއެވެ.
މިރޭގެ މެޗުގެ ފުރަތަމަ ސެޓުގައި ދިވެހި ޕެއާއިން ދައްކާލީ ފެންވަރު ރަނގަޅު ކުޅުމެކެވެ. ހާއްސަކޮށް ރަނގަޅު ސާވިސްތަކާއެކު އެ ސެޓު ކާމިޔާބުކުރީ 21-17 އިންނެވެ. ދެވަނަ ސެޓުގައިވެސް ދިވެހި ޕެއާއިން މޮޅަށް ކުޅެ، ލީޑުގައި އޮތްނަމަވެސް، އެ ސެޓު ފަހުވަގުތު ގެއްލުނީ 21-18 އިންނެވެ. ނަމަވެސް ޓައި ބްރޭކް ސެޓުގައި ދިވެހި ޕެއާއިން ދެއްކީ އެއްވެސް ފުރުސަތެއް ނުދޭ ކުޅުމެކެވެ. އެ ސެޓު ކާމިޔާބުކުރީ ބޮޑު ތަފާތަކުން، 15-3 އިންނެވެ.
ދިވެހި ޕެއާއަށް މިރޭ އިތުރު މެޗެއް އޮތްއިރު، އެ މެޗުގައި ބައްދަލުކުރާނީ ގޭމްސްގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އިންޑޮނޭޝިއާގެ ޕެއާއާއެވެ. މި މެޗު ކުޅޭނީ މިރޭ ރާއްޖެ ގަޑިން 10:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!