އއ. ތޮއްޑޫ އަދި ބ. ކަމަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މި ދެ ރަށުގައި މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މި މަހު 16 ވަނަ ދުވަހު އެވެ.

Ad
rt

ތޮއްޑޫގައި ހިންގި އޮޕަރޭޝަން

ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / ގ. އެވަރޝައިން، އާދަމް އަޝްފާގް (41އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ތޮއްޑޫ ބަނދަރު ބަނދަރުމަތިން އާދަމް އަޝްފާގް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 70 ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

ކަމަދޫގައި ހިންގި އޮޕަރޭޝަން

ކަމަދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ބ. ކަމަދޫ / ސަބްނަމްވިލާ، ފާއިޤު ސަޢީދު (34އ) އެވެ. ދަރަވަންދޫއިން ކަމަދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަދޫ ބަނދަރުމަތިން ފާއިޤު ސަޢީދު ހުއްޓުވައި ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓުތަކެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1.2 ގުރާމެވެ.

ބަންދާމެދު ގޮތް ނިންމުން

ތޮއްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު އާދަމް އަޝްފާގްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ކަމަދޫގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ފާއިޤު ސަޢީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.