ޑަކުދިންތަކެއް ގޮވައިގެން މަސްތުގެ ހާލަތުގައި ތިބި ބަޔަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މި މީހުން ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހުގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ އަލީ އަޝްރަފް، އެމް. އެތުމާ / މާލެ، އުމުރުން 41 އަހަރުގެ ލޫހާން ސަޢީދު، ޕެރިސް / ގދ. ވާދޫ، އުމުރުން 39 އަހަރުގެ ނާފިއު ރަޝީދު، ސިލްވަރ ސްޓާރ / ވ. ރަކީދޫ އަދި އުމުރުން 33 އަހަރުގެ އިބްރާހިމް ޝިނާން އަޙްމަދު، އެޗް. ފިނިކުރި / މާލެއެވެ.
އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެހި ހުރި ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ހައްޔަރުކުރި މީހުންނާ އެކު ތިބި ކުޑަކުދިންގެ ވަގުތީ ނަތީޖާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 17 އަހަރުގެ ދެ އަންހެން ކުދިންނާއި، އުމުރުން 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ނާފިއު އަކީ ޕީއެސްއެމާއި ވީޓީވީގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!