މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު މިއަހަރުގެ ކުރީކޮޅު 100 އަހަރު ފުރުނުއިރު، އޭނާގެ އުމުރުދުވަހުގެ އާދަކާދައާ އެއްގޮތަށް އުޅުއްވަމުން ގެންދަވައެވެ. މަދުން ކެއުމާއި، ގިނައިން މަސައްކަތް ކުރުމާއި، އަރާމު މަދުން ކުރެއްވުމެވެ.
"އެންމެ މުހިންމު ކަމަކީ އަހަރެން އަބަދުވެސް މަސައްކަތް ކުރަން. އަހަރެން އަރާމެއް ނުކުރަން،" މަހާތިރު ''އަލްޖަޒީރާ''އަށް ވިދާޅުވެފަވެއެވެ.
"އަހަރެން އަބަދުވެސް ސިކުނޑިއާއި ހަށިގަނޑު ބޭނުންކުރަން. ސިކުނޑިއާއި ހަށިގަނޑު ހަރަކާތްތެރިކޮށް ބަހައްޓައިފިއްޔާ، އުމުރުން ދުވަސްވާނެ،" އޭނާ ވިދާޅުވިއެވެ.
ވެރިރަށް ކުއަލަލަމްޕޫރުގެ ދެކުނުގައިވާ ޕުތްރަޖާޔާ ސިޓީގައި ހުންނަ އޭނާގެ އޮފީހުގެ މޭޒުދޮށުގައި އިށީނދެއިންނަވައި، އޭނާ 100 އަހަރު ފުރުނު ދުވަސް ހޭދަކުރެއްވީ އެހެން ދުވަސްތަކެކޭ އެއްގޮތަށެވެ. މެލޭޝިއާގެ އިޤްތިޞާދާއި، ގައުމުގެ ސިޔާސީ ހާލަތާއި، ދުނިޔޭގެ ކަންކަން ޚާއްޞަކޮށް ޣާއްޒާގެ ހާލަތާ ބެހޭގޮތުން ލިޔުއްވަމުންނެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މަހާތިރު ވިދާޅުވެފައި ވަނީ ޣާއްޒާގެ ފަލަސްޠީނު ރައްޔިތުންނާމެދު އިސްރާއީލުން ދައްކަމުންދާ އަނިޔާވެރިކަން ދުނިޔޭގެ ތާރީޚުގައި ފެންނަން އޮންނާނެ ކަމަށެވެ.
އިސްރާއީލުން ޣާއްޒާގައި ގާތްގަނޑަކަށް 66،000 ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންކަން ޖީލުތަކަކަށް، ފަހަރެއްގައި "ޤަރުނުތަކަކަށް" ހަނދާން ބެހެއްޓޭނެ ކަމަށް މަހާތިރު ވިދާޅުވިއެވެ.
"ޣާއްޒާގެ ހާލަތު ވަރަށް ގޯސް. އެމީހުން މާާބަނޑު މައިންނާއި... ދާދި އިހަށް އުފަންވި ކުދިންނާއި، ޒުވާނުންނާއި، އަންހެން ފިރިހެން ކުދިންނާއި، ފިރިހެނުންނާއި އަންހެނުންނާއި، ބަލިމީހުންނާއި ފަގީރުން ޝަހީދުކޮށްފި... މިކަން ހަނދާން ނެތިގެން ދާނީ ކިހިނެއް؟" އޭނާ ސުވާލުކުރެއްވިއެވެ.
"މިކަން ފަހަރެއްގައި ޤަރުނުތަކަކަށް ހަނދާން ނެތިގެން ނުދާނެ،" މަހާތިރު ވިދާޅުވިއެވެ.
ޣާއްޒާގެ ހަނގުރާމައަކީ 1990 ގެ އަހަރުތަކުގެ ކުރީކޮޅު ބޮސްނިއާގެ ހަނގުރާމާގައި މުސްލިމުން މަރާލުމާއި ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުން ޔަހޫދީން މަރާލި މަރާލުމާ އެއްފަދަ ނަސްލު ނައްތާލުމުގެ ޢަމަލެއްކަމަށް ސިފަކުރައްވަމުން، މަހާތިރު ވިދާޅުވީ ނަސްލު ނައްތާލުން ތަޖުރިބާކޮށްފައިވާ އިސްރާއީލުގެ މީހުންނަށް އެހެން ބަޔަކާމެދު ނަސްލު ނައްތާލުން ހިންގަން ކެރުނުކަމީ އޭނާއަށް ހައިރާންވާ ކަމެއް ކަމަށެވެ.
"ނަސްލު ނައްތާލުމުގެ ޝިކާރައަކަށްވެފައިވާ މީހުން އެހެން ބަޔަކަށް އެކަން ދިމާވާކަށް ބޭނުންވާނެ ކަމަކަށް އަހަރެން ނުދެކެން،" އޭނާ ވިދާޅުވިއެވެ.
1980 އާއި 1990 ގެ އަހަރުތަކުގައި އޭނާގެ ބާރުގެ އެންމެ މަތީ ދަރަޖައިގައި ހުންނެވިއިރު، މަހާތިރު ވަނީ ދުނިޔޭގެ މަސްރަހުގައި ދެކުނުގެ ގައުމުތަކުގެ އަޑުއުފުލާ، ހަރުކަށި ފާޑުކިޔުންތެރިއެއްގެ ގޮތުގައާއި، ހުޅަނގުގެ އިސްތިއުމާރީ ވެރިކަމާއި އޭގެ މިހާރުގެ ސިފައިގައި ތަރައްޤީވަމުން އަންނަ ގައުމުތަކުގެ މާލީ ދައުރުވުންތަކުން އިސްތިޣުލާލުކުރުމާ ދެކޮޅަށް އަޑުއުފުލާ ފަރާތެއްގެ ގޮތުގައި މަޝްހޫރުވެފައެވެ.
ފަލަސްޠީނުގެ މައްސަލައަށް ހަރުދަނާކޮށް އަދި އުމުރަށް ތާއީދުކުރައްވާ ފަރާތެއްގެ ހައިސިއްޔަތުން، މަހާތިރު ވަނީ ހުޅަނގާ ދެކޮޅަށް، ޚާއްޞަކޮށް އެމެރިކާއާ ދެކޮޅަށް ދެއްކެވި ވާހަކަފުޅުތަކާއެކު "ޔަހޫދީންނާ ދެކޮޅު" ބަޔާންތައް ދެއްވުމުގެ ސަބަބުން ފާޅުގައި ފާޑުކިޔުމާ ކުރިމަތިލާންޖެހިވަޑައިގެންފައެވެ.
ނަމަވެސް، މަހާތީރު ވިދާޅުވިގޮތުގައި، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނާޒީންގެ ނުރައްކާތެރިކަން ހާމަވުމާއެކު އޭނާ ވަނީ ޔަހޫދީންނާމެދު ފުން ހަމްދަރުދީއެއް އުފެދިފައެވެ.
އިސްރާއީލުގެ މީހުން "އެމީހުންގެ ތަޖުރިބާއިން އެއްވެސް އެއްޗެއް ދަސްކޮށްފައެއް ނުވޭ" ކަމަށް އޭނާ މިހާރު ވިދާޅުވެއެވެ.
"އެމީހުންނަށް ދިމާވި ކަންތައްތައް، އެމީހުން ބޭނުންވަނީ އަރަބިންނަށް ކުރަން،" އޭނާ ވިދާޅުވިއެވެ.
މިހާރު، އިސްރާއީލާއި ފަލަސްޠީނު ރައްޔިތުންގެ ދެމެދުގައިވާ މައްސަލަ ހައްލުކުރުމަށް އޮތް ހަމައެކަނި "އެކަށީގެންވާ" ގޮތަކީ ދެ ދައުލަތުގެ ހައްލެއް ތަންފީޒުކުރުން ކަމަށް އޭނާ އިތުރުކުރެއްވިއެވެ. ނަމަވެސް މަހާތިރު ވިދާޅުވީ މިފަދަ ހައްލެއް - އޮސްޓްރޭލިއާ، ބެލްޖިއަމް، ކެނެޑާ، ފްރާންސް އަދި ޔުނައިޓެޑް ކިންގްޑަމް ފަދަ ގައުމުތަކުން ފަލަސްޠީނު ދައުލަތެއް ގަބޫލުކުރުމާއެކު ފަހަކަށްއައިސް ބޮޑު ކުރިއެރުމެއް ލިބިފައިވީނަމަވެސް އަދިވެސް ވަރަށް ދުރުގައިވާ ކަމެއް ކަމަށާއި، އޭނާގެ ދުނިޔޭގެ ދިރިއުޅުމުގައި އެކަން ނުފެންނާނެ ކަމަށެވެ.
"އަހަރެންގެ ދިރިއުޅުމުގައި، ނޫން. ވަގުތު މާ ކުރު،" އޭނާ ވިދާޅުވިއެވެ.
ނޯޓު: މިއީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުޙައްމަދު ''އަލްޖަޒީރާ'' އަށް ދެއްވި އިންޓަވިއުއެއްގެ ބަޔެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!