ފަލަސްޠީނުން ބްރިކްސް ޖަމާޢަތުގެ ފުރިހަމަ މެމްބަރޝިޕަށް އެދި ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށް ރަޝިޔާގައި ހުންނަ ފަލަސްޠީނުގެ ސަފީރު އަބްދުލް ހަފީޒް ނޮފަލް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

އެ ހުށަހެޅުމަށް އަދި ގޮތެއް ނިންމާފައިނުވިނަމަވެސް ފަލަސްޠީނު މިހާރު ވެސް މެހެމާނެއްގެ ގޮތުގައި އެޖަމާއަތުގައި ބައިވެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ރަޝިޔާގެ ނިއުސް އެޖެންސީ ''އާރް.އައި.އޭ'' އަށް ދެއްވި ބަސްދީގަތުމެއްގައި، ސަފީރު ނޮފަލް ވިދާޅުވީ ފަލަސްޠީނުގެ ފަރާތުން ރަސްމީކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން، ފަލަސްޠީނުގެ ވަކި ޝަރުތުތަކެއްވޭ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ފުރިހަމަ މެމްބަރަކަށް ވުމަށް މި ޝަރުތުތައް ފުރިހަމަވަންދެން، ފަލަސްޠީނު ބައިވެރިވާނީ މެހެމާނެއްގެ ގޮތުގައި،" އޭނާ ވިދާޅުވިއެވެ.

މި ފިޔަވަޅަކީ ބައިނަލްއަޤްވާމީ މަސްރަޙުގައި ފަލަސްޠީނުގެ ދައުރު ފުޅާކުރުމަށް ކުރާ މަސައްކަތްތަކުގެ ބައެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ފަލަސްޠީނުގެ މި ހުށަހަޅުމާއި ގުޅޭގޮތުން ހުކުރު ދުވަހު ޗައިނާއިން ވަނީ މަރުޙަބާ ކިޔާފައެވެ. ބޭޖިންގގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، ޗައިނާގެ ޚާރިޖީ މިނިސްޓްރީގެ ޚަބަރު ފަތުރާ ފަރާތް ގުއޯ ޖިއަކުން ވަނީ ފަލަސްތީނުގެ މި ހުށަހެޅުމަށް މަރުޙަބާ ކިޔާކަަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މަރުޙަބާ ކިޔަން ފަލަސްތީނުގެ ހުށަހެޅުމަށް، އިތުރު އެއްބަސްވާ ޕާޓްނަރުން ބްރިކްސްގެ އެއްބާރުލުމާ ގުޅި، އިންސާފުވެރި އަދި ހަމަހަމަ ބައިނަލްއަޤްވާމީ ނިޒާމެއް ޤާއިމުކުރުމަށް އެކުގައި މަސައްކަތްކުރުމަކީ އަޅުގަނޑުމެން ބޭނުންވާގޮތް" އޭނާ ވިދާޅުވެފަވެއެވެ.

ބްރިކްސް އުފެދިފައިވަނީ 2006 ވަނަ އަހަރު ރަޝިޔާ، ޗައިނާ، އިންޑިޔާ، އަދި ބްރެޒިލް ގުޅިގެންނެވެ. 2011 ވަނަ އަހަރު ސައުތު އެފްރިކާ މި ޖަމާޢަތާ ގުޅި، އޭގެ ފަހުން 2024 ވަނަ އަހަރުން ފެށިގެން މިސުރު، ޔޫ.އޭ.އީ، އީތިއޯޕިއާ، އަދި އީރާން ވެސް ވަނީ މި ޖަމާއަތާއި ގުޅިފައެވެ. އަދި 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު އިންޑޮނޭޝިއާ ވެސް ވަނީ މެމްބަރެއްގެ ގޮތުގައި ބްރިކްސްއާ ގުޅިފައެވެ.

ބްރިކްސްއާ އެކު މަސައްކަތްކުރާ ޕާޓްނަރ ޤައުމުތަކުގެ ތެރޭގައި ބެލަރޫސް، ބޮލީވިއާ، ކިއުބާ، ކަޒަކިސްތާން، މެލޭޝިޔާ، ނައިޖީރިއާ، ތައިލެންޑް، ޔުގަންޑާ، އުޒްބެކިސްތާން، އަދި ވިއެޓްނާމް ހިމެނެއެވެ. މި ޖަމާޢަތަކީ ދުނިޔޭގެ އިޤްތިޞާދާއި ސިޔާސީ މަސްރަޙުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އަޑު ގަދަކުރުމަށް މަސައްކަތްކުރާ މުހިންމު ޖަމާއަތެކެވެ.