ޓިކްޓޮކް ސޯޝަލް މީޑިއާ ޕްލެޓްފޯމް އެމެރިކާގެ ވެރިއަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގެ ޝަރުތުތައް ބަޔާންކުރާ އެގްޒެކެޓިވް އޯޑަރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ބުރާސްފަތި ދުވަހު ސޮއިކުރައްވައިފިއެވެ.

މި އޯޑަރުގެ ދަށުން ޓިކްޓޮކް އޭގެ ޗައިނާގެ މައި ކުންފުނި ބައިޓްޑާންސްއިން ވަކިކޮށް، އެމެރިކާގެ އިންވެސްޓަރުންނާ ހަވާލުކުރެވޭނެއެވެ.

Ad
rt

ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގައި ޓިކްޓޮކް ހިންގުން ކުރިއަށް ގެންދިއުމަށް، އޭނާއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. މީގެ ސަބަބުން މި ޕްލެޓްފޯމް، އޭގެ ޗައިނާގެ ވެރިފަރާތް ކަމުގައިވާ ބައިޓްޑާންސްއިން ވަކިވެގެންދާނެއެވެ.

"އަހަރެން ރައީސް ޝީއާ ވާހަކަދެއްކިން. އަދި އޭނާ 'ކުރިއަށް ގެންދާށޭ'،" އޭނާ ބުނި، ޓްރަމްޕް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

"މިއީ އެއްކޮށް އެމެރިކާއިން ހިންގާ އެއްޗަކަށް ވާނެ." ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

މި އެގްޒެކެޓިވް އޯޑަރު ނެރުމުގެ ބޭނުމަކީ، އެމެރިކާގެ ވެރިއަކަށް ވިއްކާލެވޭނެ ގޮތެއް ނުހެދިއްޖެނަމަ، އެމެރިކާގައި އެޕް ބަންދުކުރަން ޖެހޭނެކަމަށް ބުނާ ޤާނޫނަކާ އެއްގޮތަށް އަމަލުކުރުމެވެ.

މި ޕްލޭންގެ ދަށުން، އެމެރިކާގެ އިންވެސްޓަރުން ޓިކްޓޮކްގެ ހިންގުމުގެ ބޮޑު ބައެއް ހަވާލުވެ، އެޕްގެ ބާރުގަދަ ރެކޮމެންޑޭޝަން އެލެލްގޮރިދަމްގެ ލައިސަންސްޑް ކޮޕީއެއް ބަލަހައްޓާނެއެވެ. އެމެރިކާގެ ކުންފުނިތަކުން މި އަލަށް އުފެދޭ ކުންފުނީގެ 80 އިންސައްތައަށް ވުރެ ގިނަ ހިއްސާ ގަންނާނެ ކަމަށް ބެލެވެއެވެ. އަދި ބައިޓްޑާންސް އާއި ޗައިނާގެ އިންވެސްޓަރުން ގަންނާނީ 20 އިންސައްތައަށް ވުރެ މަދުންނެވެ.

ވައިޓް ހައުސްއިން ބުނާ ގޮތުގައި ޓިކްޓޮކްގެ އާ ވަރޝަން ކޮންޓްރޯލް ކުރާނީ 7 މެންބަރުންގެ ޑިރެކްޓަރުންގެ ބޯޑަކުންނެވެ. މީގެ ތެރޭގައި ހިމެނެނީ ސައިބަރ ސެކިއުރިޓީ އަދި ޤައުމީ ސަލާމަތުގެ މާހިރުންނެވެ. އޭގެ ތެރެއިން 6 މެންބަރުންނަކީ އެމެރިކާގެ ރައްޔިތުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ޖޭޑީ ވާންސް ވިދާޅުވި ގޮތުގައި، މި އަލަށް އުފެދޭ އެމެރިކާގެ ކުންފުނީގެ އަގު ހުންނާނީ 14 ބިލިއަން ޑޮލަރުގައެވެ. މިއީ ބައިޓްޑާންސްގެ ޖުމްލަ އަގު ކަމަށް ލަފާކުރެވޭ 330 ބިލިއަން ޑޮލަރަށް ވުރެ ވަރަށް ކުޑަ އަދަދެކެވެ. އަޅާކިޔާ ނަމަ، ފޭސްބުކް އަދި އިންސްޓަގްރާމް މިލްކުކުރާ މެޓާގެ އަގަކީ 1.8 ޓްރިލިއަން ޑޮލަރެވެ.