ޑޮކްޓަރު ސެޓްފިކެޓް ނެތި އެއްދުވަހަށް ވެސް ސަލާމް ނުބުނެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިއުންތައް މިވަނީ ސަރުކާރަށް އަމާޒުވެފައެވެ.

އެގޮތުން ޑރ. ޒިޔާދުވެސް މިވަނީ ފޭސްބުކް މެދުވެރިކުރައްވާ މިކަމާއިމެދު ހުރި ކަންބޮޑުވުން ހިއްސާ ކުރައްވާ އިލްތިމާސްއެއް ކުރައްވާފައެވެ.

Ad
rt

ވަޒީފާއަށްދާ މީހުން އޮފީހަށް ސަލާމް ބުނަނީ ހަމައެކަނި ބަލިވެގެންނެއް ނޫނެވެ. ޒަރޫރީ ބޭނުންތައް ފުއްދަންވެސް ސަލާމް ބުނަން ޖެހޭ މީހުން އުޅެއެވެ. އެމީހެއްގެ ބެލުމުގެ ދަށުގައި ނުވަތަ ބަލަދު އަރާ މީހުންގެ ހައްގުތަކާއި ވާޖިބުތައް އަދާކުރުމުގެ ގޮތުންވެސް އޮފީހަށް ސަލާމް ބުނަންޖެހިދާ މީހުން މަދެއް ނޫނެވެ. ޞިއްހީ ސަބަބެއްނެތި މަޖުބޫރީ ހާލަތުގައި އޮފީހަށް ސަލާމް ބުނުމުން ޑޮކްޓަރެއްގެގާތައް ދާންޖެހުމަކީ ދެކޮޅު ޖެހޭކަމެއް ނޫނެވެ.

ޑރ ޒިޔާދުގެ ފޭސްބުކް ޕޯސްޓުގައި ބުނެފައިއެވެ.

ސަރުކާރުގެ ފަރާތުން، ކެނދި ކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހެޅުއްވި މި ބިލުގައި ވަނީ، ސަލާމް ބުނުމަށް ގާނޫނުގައި މިހާރު އޮންނަ ގޮތް ބަދަލު ކުރަންވެސް ވަނީ ހުށަހަޅައިފައެވެ. މުސާރައާއެކު 30 ދުވަހުގެ ޗުއްޓީއެއް ސަލާމުގެ ޗުއްޓީގެ ގޮތުގައި މިހާރު ގާނޫނުގައި ކަނޑައަޅާފައި އޮތް އިރު، ބަލިވެން ސަލާން ބުނާއިރު ޑޮކްޓަރު ސެޓްފިކެޓް ގެންނަން ޖެހެނީ ޖެހިޖެހިގެން ދެދުވަހު ސަލާން ބުނާ ކަމަށްވާނަމައެވެ.

ނަމަވެސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، މުވައްޒިފަކު މަސައްކަތްކުރާ ކޮންމެ އަހަރަކު މުސާރަ ލިބޭގޮތަށް ކޮންމެ މުއައްޒިފަކަށް ވެސް މަދުވެގެން 30 ދުވަހުގެ ޗުއްޓީ އެއް ސަލާމުގެ ޗުއްޓީގެ ގޮތުގައި ދޭން ވާނެ ކަމަށެވެ.

ނަމަވެސް ބަލީގެ ބާވަތާއި އެ ބަލީގެ ސަބަބުން މުވައްޒިފަކަށް މަސައްކަތަށް ނުނިކުމެވޭ މުއްދަތު ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ސިއްހީ މަސައްކަތްތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓެއް ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން މެނުވީ އެ މުވައްޒިފަކަށް ސަލާމުގެ ޗުއްޓީ ދިނުން ލާޒިމް ނޫން ކަމަށް ބިލުގައި ވެއެވެ.

މި ބިލުން ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.