ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުން ދިޔަ ގއ. ވިލިނގިލި / ލައިޓްހައުސް، ޝަހީބް އިބްރާހީމް (47އ) އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރަކާއި ގުޅިގެން ޝަހީބު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި ފުލުހުން އާންމުކޮށް ޢިއުލާންކުރީ 18 ސެޕްޓެމްބަރު 2025 ގައެވެ.

Ad
rt

ފުލުހުން މިރޭ ބުނީ ޝަހީބް އަމިއްލައަށް ފުލުހަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި އޭނާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

130 ކިލޯގެ މަސްތުވާތަކެއްޗާއެކު، ޝަހީބު ހިމެނޭހެން ބަޔަކު ހައްޔަރުކޮށްފި

ޝަހީބަކީ 2020 ވަނަ އަހަރުގެ މަސްދޯންޏެއްގައި 130 ކިލޯގްރާމްގެ މަސްތުވާތަކެތި އެތެރެކުރި ވިއުގައެއްގެ އިސް ފަރާތެއްގެ ގޮތުގައި ތުހުމަތު ކުރެވޭ މީހެކެވެ.

2020 އޮކްޓޯބަރު 12 ވަނަ ދުވަހު، ހުޅުމާލޭ ކަނޑު ސަރަޙައްދުގައި އޮތް މަސްދޯނިއަކުން 130 ކިލޯގްރާމްގެ މަސްތުވާތަކެތި ފުލުހުން ހިފެހެއްޓިއެވެ. މި މައްސަލައިގައި 7 މީހުން ހައްޔަރުކުރިއިރު، މީގެ ތެރޭގައި ޝަހީބާއި އަޙްމަދު މޫސާ ހިމެނެއެވެ. މި ދެމީހުންނަކީ މި ވިއުގައިގެ އިސް ފަރާތްތަކުގެ ގޮތުގައި ތުހުމަތު ކުރެވޭ ދެ މީހުންނެވެ.

މި މައްސަލައިގެ ތުހުމަތުގައި ޝަހީބު ފުރަތަމަ ބަންދުގައި ބެހެއްޓުނު ނަމަވެސް، 2022 އޭޕްރިލް މަހު ޝަރުތުތަކަކާއެކު ވަގުތީ ގޮތުން ދޫކޮށްލެވުނެވެ. މިގޮތަށް ދޫކޮށްލެވުނީ އޭނާއަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ދައުލަތުން ފޯރުކޮށްނުދެވުނު ކަމަށް ފަނޑިޔާރު ވިދާޅުވެއެވެ. އޭގެ ފަހުން ހައިކޯޓުން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރުނެވެ.