ތިލަފުށީގައި މިއަދު މެންދުރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސްރީލަންކާ ރައްޔިތަކު ލޮރީއެއްގެ ދަށުވެ، ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 14:15 ހާއިރުއެވެ. އެކްސްކެވޭޓަރެއް ކައިރީގައި މަސައްކަތްކުރަން ހުރި ސްރީލަންކާ ރައްޔިތެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި، އޭނާގެ ގައިމަތިން ލޮރީ ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކާއެކު މިހާރު ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ލޮރީ ދުއްވި އިންޑިއާގެ ރައްޔިތެއް ކަމަށްވާ، އުމުރުން 28 އަހަރުގެ ވިގްނޭޝް އާނަންދުރައީ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެކްސިޑެންޓްގައި ޖެހުނު ލޮރީވެސް ވަނީ ޓޯކޮށްފައިކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގައި މިފަދަ ހާދިސާތައް މީގެ ކުރިންވެސް ރާއްޖޭގައި ހިނގާފައިވާއިރު، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!