މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާލިބޭ ސާހިލް އަލީގެ މައްސަލާގައި ހެކިންގެ ހެކިބަސް ނެގުން ދެ މަސް ތެރޭގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ދައުވާކުރަނީ މާލޭގައި އޮގަސްޓް، 2023 ގައި ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގަ އެވެ.
ސިއްރުން ކުރިއަށް ގެންދާ އެ މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލާގައި 35 ހެއްކެއްގެ ހެކިބަސް ނަގަން ޖެހޭއިރު، އެކަމަށްޓަކައި ހަ އަޑުއެހުމެއް ވަނީ ތާވަލުކޮށްއިވާ ކަމަށެވެ. އެ ހެކިންގެ ހެކިބަސް ދެ މަސް ތެރޭގައި ނަގައި ނިންމާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ސާހިލް ވަނީ މީގެކުރިން ކޯޓުގައި ވާހަކަ ދައްކަން ދެކޮޅު ހަދާފައިވާއިރު, ސާހިލްއަށް ދައުލަތުގެ ހަރަދުގައި ދެ ފަހަރަކު ވަކީލުން ހަމަޖައްސައިދިނެވެ. އަދި އޭނާ ވަކީލުންނަށް އެއްބާރުލުން ނުދޭތީ ދައުލަތުގެ ހަރަދުގައި އޭނާ އަށް ވަކީލުން އިތުރަށް ހަމަޖައްސައި ނުދޭން އޮތީ ނިންމައިފަ އެވެ.
އެންމެފަހުން ސާހިލް ވަނީ ވަކީލަކު ބޭނުންނުވާ ކަމަށް ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!