މާލެ ސިޓީގެ ގެއަކުން މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާކަމަށް ބެލެވޭ ފައިސާ އަތުލައިގަނެ، ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ ގެއެއް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
މިގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހު ހިންގި މި ހާއްސަ އޮޕަރޭޝަންގައި މާފަންނު ގެއެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ބަލައިފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 304.73 ގުރާމްގެ ތަކެތި ފެނިފައިވާއިރު، އަދި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 41,500 އަށްވުރެ ގިނަ ރުފިޔާ ވެސް އެގޭތެރެއިން ވަނީ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކުރި ނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ދޫކޮށްލާފައެވެ. އަނެއް ދެ މީހުންކަމަށްވާ ސ. މަރަދޫ / ނަރުގިސްމާގެ، ޢަބްދުލްޣަނީ ޢަބްދުލްމަޖީދު (56އ) އާއި ސ. މަރަދޫ / ނަރުގިސްމާގެ، އަޙްނަފް އަޝްރަފް (27އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހޯދައި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފުލުހުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!