ލޮނުމެދު ކެއުމުން އަލަށް ފެނިފައިވާ ކޮރޯނާވައިރަސްއިން ރައްކާތެރި ވެވިދާނެކަމަށް ބުނެ މިދުވަސްވަރުދަނީ ތަފާތު ވާހަކަތައް ދެކެވެމުންނެވެ. މީސްމީޑިޔާގެ ޒަރިއްޔާއިން ލޮނުމެދު ކެއުމުން މިވައިރަސްގެ ކިބައިން ސަލާމަތް ވެވިދާނެކަމަށް ބުނެ އެކި ކަހަލަ ދޮގު ޕޯސްޓުތައް ދަނީ ދައުރު ވަމުންނެވެ.
ކޮރޯނާ ވައިރަސްއާއި ގުޅުވައިގެން ތަފާތު އެކި ދޮގު ހަބަރުތަކާއި މަޢުލޫމާތު ހިއްސާ ކުރަމުންދާތީ ދުނިޔޭގެ ސިއްޚަތު ޖަމުޢިއްޔާއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ ދޮގު ހަބަރު ނުފެތުރުމަށް ދިވެހި ސަރުކާރުންވެސް ވަނީ އިލްތިމާސްކޮށްފައެވެ. ބަޔެއް ގަޢުމު ތަކުން މިފަދަ ދޮގު ހަބަރާއި މަޢުލޫމާތު ފަތުރާފަރާތްތައް ހޯދާ ހައްޔަރުކޮށްފައިވެއެވެ.
މި ވާހަކަތަކަށް ޖަވާބު ދެއްވަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންމިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ލޮނުމެދަކީ ޞިއްހަތަށް ފައިދާހުރި އޭގައި ކޮންމެވެސް މިންވަރަކަށް އެންޓިމައިކްރޯބިއަލް މާއްދާއެއް ހިމެނިދާނެ އެއްޗެއްކަމަށެވެ.
ނަމަވެސް ލޮނުމެދު ކެއުމުން އަލަށް ފެނިފައިވާ ކޮރޯނާވައިރަސްއިން ރައްކާތެރިކޮށްދޭ ކަމަކަށް އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވިޓުގައި ބުނެފައިވެއެވެ.
އަލަށް ފެނިފައިވާ ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް ނުވަތަ ފަރުވާކުރުމަށް ޚާއްޞަ ބޭހެއް މިހާތަނަށް އަދި ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް އެ ވައިރަސް ޖެހިފައިވާ މީހުންގެ ކިބައިން ފެންނަ އަލާމަތްތަކަށް އެކަށީގެންވާ ފަރުވާއަންނަނީ ދެމުންނެވެ.
މި ބައްޔަށް ޚާއްސަ ފަރުވާއެއް ހޯދުމުގެ މަސައްކަތް ދުނިޔޭގެ ސިއްޚަތު ޖަމުޢިއްޔާއާއި، އެހެނިހެން ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ކޮރޯނާ ވައިރަަސްއަށް އެންމެ އަވަހަށްވެސް ވެކްސިންއެއް ތައްޔާރުކުރެވޭނެ ކަމަށް ލަފާކުރެވެނީ 2021 ވަނަ އަހަރަށް ކަމަށް އެ ވައިރަހަށް ފަރުވާ ހޯދުމަށް މަސައްކަތްކުރަމުންދާ ސައިންޓިސްޓެއް ވަނީ ބުނެފައެވެ.
މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1،355 އަށް އަރާފައެވެ. މި ބަލީގައި ދެ މީހުން ފިޔަވައި ދެން އެންމެން ވެސް މަރުވެފައިވަނީ ޗައިނާ އިންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 48،000 އަށް ވުރެ މައްޗަށް އަރާފައެވެ.
ކޮންމެެ ދުވަހަކު ކަހަލަ ގޮތަކަށް މި ބަލީގައި މަރުވާ މީހުންނާއި އަދި މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!