މަޖިލީހުގެ ބައްދަލުވުމެއް ކަނޑު އަޑީގައި ބޭއްވުމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް މޫސުމީ މައްސަލަތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވޭކަން ފާހަގަ ކުރައްވާ މެމްބަރު އިކްރާމް ވިދާޅުވީ، އެ މަސައްކަތްތައް ދުނިޔޭގެ ސަމާލުކަމަށް އިތުރަށް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ ބައްދަލުވުމެއް ކަނޑުގެ އަޑީގައި ބޭއްވުމަށް ގޮވާލާކަމަށެވެ.

Ad
rt
"އަޅުގަނޑުމެން އެބަޖެހޭ މިއަދު މުޅި ދުނިޔެއަށް މިވާހަކަ އަޑުއިވޭނެ ކޮންމެސް ގޮތެއް ހަދަން... އަޅުގަނޑު މިއަދު ހުށަހަޅަން ޕާލިމެންޓް ބައްދަލުވުމެއް ކަނޑު އަޑީގަ ބާއްވަން. ބާއްވާ ހަމަ މިގޮތަށް އިނގޭތޯ، މިއަޑު މުޅި ދުނިޔެއަށް އިވޭނެ ކޮންމެސް ވިސްނުމެއް ގެންނަން."
އިކްރާމް ވިދާޅުވިއެވެ.
އިކްރާމް ވިދާޅުވީ މަޖިލީހުގައި މޫސުމީ މައްސަލަ ތަކުގައި ދައްކާ ވާހަކަ މިއަށްވުރެއް ބޮޑުކޮށް އިވޭނެ ގޮތެއް ހަދަންޖެހޭ ކަމަށެވެ. ކަނޑު އަޑީގައި ނުވަތަ އެނޫންވެސް ގޮތަކުން މުޅި ދުނިޔޭގެ ސަމާލުކަމަށް މިކަން ގެންނަންޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާނު ކޮށްފައިވާ ކަމަށާއި، އެކަމަށް ދުނިޔޭގެ އެހެން ގައުމުތަކުން ސަމާލުކަން ދޭންޖެހޭ ކަން އަންގަންޖެހޭ ކަމަށް އިކްރާމް ވިދާޅުވި އެވެ

.ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާނު ކުރުމަށް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމި ރިޕޯޓަށް ވާހަކަ ދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ވިދާޅުވީ، މަޖިލީހުގެ މިހާރުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މޫސުމީ މައްސަލަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކެބިނެޓް ބައްދަލުވުމެއް ކަނޑުއަޑީގައި ބާއްވާފައިވާކަމަށެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމްގެ މި ހުށަހެޅުއްވުމަށް ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ޤާސިމް ވަނީ ތާއީދު ކުރައްވާފަ އެވެ.

މިއަދުގެ މަޖިލީހުގައި، މެމްބަރުން ވަނީ ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމި ނިންމުމާއި އެއްގޮތަށް ރާއްޖޭގައި ކްލައިމެޓް އެމާޖެންސީ އިއުލާނު ކުރުމަށް ގޮވާލާފައެވެ.