ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރުމަށް ފާސްކޮށްފި އެވެ.

މި ގޮތުން މަޖިލީހުގެ ދައުރު އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ހުށަހެޅުއްވުން ވަނީ ފާސްވެފައެވެ.

Ad
rt

މަޖިލީހުގެ ދައުރު އިތުރުކުރުމަށް ނެގުނު ވޯޓުގައި ފެންނަ ކަމަށް 59 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ.

ދައުރުގެ މުއްދަތު އިތުރުކުރަން ޖެހުނު ސަބަބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، "މި ދައުރުގައި މަޖިލީހުން ނިންމުމަށް މުހިންމު މަސައްކަތްތަކެއް ހުރުމުން" ކަމަށެވެ. އަދި މި ދައުރު އިތުރުކުރަނީ އަވަސް އަރުވާލައިގެން ބިލުތައް ފާސްކުރުމަށް ނޫން ކަމަށާއި، އެކަން ކުރަނީ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދައުރު އިތުރުކުރަނީ ދޮޅު މަސްދުވަހުގެ ޗުއްޓީއަކަށް މެންބަރުން ވަޑައިގަންނަވާ ހިސާބުން އާންމުންނާ ގުޅުންހުރި ކަންކަމަށް ހުއްޓުމެއް އައިޔަ ނުދިނުމުގެ ބޭނުމުގައެވެ. އަދި ގާނޫނަކީ އިންސާނުން ހަދާ އެއްޗެއް ކަމަށް ވިދާޅުވެ، ހާލަތާއި ޒަމާނާ އެއްގޮތަށް އަބަދުވެސް ގާނޫނުތައް އިސްލާހުކުރަން ޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި ހިނގާ ދެވަނަ ދައުރު ނިމެން އޮތީ އޮގަސްޓް 15 ގައެވެ.