މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްދަރ ޖެކް ގްރީލިޝް، ލޯން އެއްބަސްވުމެއްގެ ދަށުން އެވަޓަން އަށް ދޫކޮށްލަން ސިޓީން ނިންމައިފިއެވެ.
ގްރީލިޝް އަކީ 2021 ވަނަ އަހަރު އެސްޓަން ވިލާއިން މެންޗެސްޓާ ސިޓީއަށް ބަދަލުވި ކުޅުންތެރިއެކެވެ. މިހާރު އުމުރުން 29 އަހަރު ފުރިފައިވާ ގްރީލިޝް ސިޓީއަށް ބަދަލުވީ ޕްރިމިއާ ލީގުގެ ރެކޯޑް ޓްރާންސްފާއެއް ކަމަށްވާ 120 މިލިއަން ޑޮލަރަށެވެ.
ނަމަވެސް ސިޓީގައި އެންމެ އެދެވޭ ކުޅުމެއް އޭނާއަށް ދެއްކޭގޮތް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން މިދިޔަ ސީޒަންގެ ފަހުކޮޅު ސިޓީގެ ޓީމުން ވެސް އޭނާއަށް ޖާގަ ގެއްލުނެވެ. އަދި އެންމެ ފަހުން ސިޓީން ވާދަކުރި ކްލަބް ވޯލްޑް ކަޕަށް އެކުލަވާލި ޓީމުން ވެސް އޭނާއަށް ޖާގަ ނުލިބުނެވެ.
ސިޓީން މި ފަހަރުގެ ޓްރާންސްފާގައި ގްރީލިޝް ވިއްކާލަން ބޭނުންވަނީ، އެންމެ ކުޑަކޮށް ވެސް 70 މިލިއަން ޑޮލަރަށެވެ. ނަމަވެސް އެއީ އެއްވެސް ޓީމަކުން އޭނާ ގަންނަން ބޭނުންވާވަރަށް ވުރެ ބޮޑު އަގަކަށް ވުމުން އެއްވެސް ޓީމަކުން އޭނާއަށް ބޮޑްކޮށްފައި ނުވެއެވެ.
އެންމެ ފަހުން ސިޓީން ނިންމާފައި ވަނީ އެވަޓަންއަށް ލޯން އެއްބަސްވުމުގެ ދަށުން އޭނާ ދޫކޮށްލުމަށެވެ.
މިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި އިނގިރޭސި ސްކޮޑުން ވެސް ޖާގަ ގެއްލުނު ގްރީލިޝް މިހާރު ބޭނުންވަނީ ރެގިއުލާކޮށް ކުޅުމުގެ ފުރުސަތު ލިބޭ ޓީމެއްގައި ކުޅެ، އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެކުލަވާލާ އިނގިރޭސި ގައުމީ ޓީމުން ޖާގަ ހޯދުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!