ފ.ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމުގައި އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކުރީ،66.6 މިލިއަން ރުފިޔާއަށެވެ.
ނިލަންދޫ ބަނދަރުގެ މަސައްކަތުގެ ތެރެއިން މިހާރުވަނީ ކުއޭ ވޯލް އެޅުމާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިންމާލާފައެވެ.
މި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި އެ ރަށުގެ އިރު އުތުރު ފަރާތުގައި 130 މީޓަރުގެ ބޮޑުހިލައިގެ ނެރުގެ ފައިކަށި ޖެހުމާއި، 131 މީޓަރުގެ ބޮޑު ހިލައިގެ ރިވެންޓްމަންޓް ޖެހުމާއި، 194 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުމާއި، 30 މީޓަރު ދިގުމިނުގެ ޓީޖެޓީއެއް ހެދުމާއި، 237 މީޓަރުގެ ކޮންކްރީޓް ކީވޯލަކާއި، 100 މީޓަރުގެ ކޮންކްރީޓް ޖެޓީއަކާއި، ކޮންކްރީޓް ރޭމްޕަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމަށް 75 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 5 މީޓަރުގެ ފުޅާ ޕޭވްމަންޓާއިއެކު ބަނދަރު ބައްތި އަދި އެކްސެލް ޕްލެޓްފޯމެއް ވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ރަށު ބަނދަރު ތަރައްގީކޮށް ނިމުމުން އެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ވެސް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ލަފާފުރުމުގެ ދަތިކަމުން އަރައިގަނެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!