"ޕެލެސްޓީނިއަން ޕެލޭ" ގެ ނަމުން މަޝްހޫރު، އިސްރާއީލުން ޝަހީދުކޮށްލާފައިވާ ސުލައިމާން އަލް-އުބައިދަށް ޔޫއެފާއިން ދިން ހަނދާނީ އިޙްތިރާމާމެދު ލިވަރޕޫލްގެ މިސްރުގެ ފޯވާޑް މުޙައްމަދު ސަލާޙް ހޮނިހިރު ދުވަހު ފާޑުކިޔާފައެވެ.
ސަލާޙް ޔުއެފާ އަށް ފާޑުކިޔާފައިވަނީ މިއީ މިދިޔަ ހަފްތާގައި އުބޭދު ޝަހީދުވި ގޮތާ ބެހޭ އެއްވެސް މަޢުލޫމާތެއް ނުހިމަނައި، ޔުއެފާއިން އޭނާގެ ވަކިވުން ފާހަގަކޮށް މީސްމީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވާ ގޮތުގައި، 41 އަހަރުގެ އުބޭދު ޝަހީދު ބުދަ ދުވަހު ގާޒާގެ ދެކުނުގައި އިންސާނީ އެހީއަށް މަޑުކޮށްގެން ތިބި މަދަނީ ރައްޔިތުންނަށް އިސްރާއީލުން ދިން ހަމަލާއެއްގައެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ޔޫއެފާއިން ކުރި ކުރު ޕޯސްޓެއްގައި ބުނެފައިވަނީ ކުރީގެ ގައުމީ ޓީމުގެ މެންބަރަކީ "އެންމެ އަނދިރި ވަގުތުތަކުގައިވެސް އެތައް ކުދިންނަކަށް އުއްމީދު ދިން ހުނަރުވެރިއެއް" ކަމަށެވެ. އުބޭދު ޝަހީދުވީ އިސްރާއީލްގެ ހަމަލާއަކުން ކަމަށްވީއިރު، ޔުއެފާ އަށް އިސްރާއީލްގެ އެ ޢަމަލު ކުށްވެރިކުރަން ކެރިފައެއް ނުވެއެވެ.
"އޭނާ (އުބޭދު) މަރުވީ ކިހިނެއްތޯ، ކޮންތާކުތޯ، އަދި ކީއްވެތޯ އަންގާލަދެވިދާނެތޯ؟" ޔުއެފާގެ ޕޯސްޓަށް ސަލާޙް ކުރި ބުނެފަވެއެވެ.
ޔޫއެފާއިން މިކަމާ ގުޅޭގޮތުން ވަގުތުން ކޮމެންޓެއް ނުދެއެވެ.
ޕްރިމިއަރ ލީގުގެ އެންމެ ބޮޑެތި ތަރިންގެ ތެރެއިން އެކަކު ކަމަށްވާ، 33 އަހަރުގެ މިސްރުގެ ސަލާޙް ވަނީ ގާތްގަނޑަކަށް ދެ އަހަރު ވެފައިވާ މި ހަނގުރާމައިގައި ޣާއްޒާއަށް އިންސާނީ އެހީ ވައްދަން ކުރިންވެސް ގޮވާލާފައެވެ.
ޕްރޮފެޝަނަލް ފުޓްބޯޅަ ފެޑަރޭޝަން (ޕީއޭއެފް)އިން ފަހުން އެތަނުގެ ފޭސްބުކް ޕޭޖުގައި ޔުއެފާގެ ރައީސް އަލެކްސެންޑަރ ސެފެރިންގެ ބަޔާނެއް ޕޯސްޓްކޮށްފައިވެއެވެ. މި ބަޔާނުގައި އުބައިދަކީ ދަތިއުނދަގޫތަކުގެ ތެރޭގައިވެސް މީހުންގެ ހިތްތަކުގައި އުފާވެރިކަން ފޯރުވައިދެވިދާނެކަމުގެ ހެއްކެއް ކަމަށް ބުނެފައިވެއެވެ. އަދި އުބޭދުގެ ހުނަރާއި ވަފާތެރިކަން ޣާއްޒާގެ ކުދިންނަށް ދިން ކަމަށާއި، އަދި އުބޭދު ވަނީ އުނދަގޫތަކުގެ ތެރޭގައިވެސް އެކުދިންގެ ހުވަފެންތަކަށް ފޯރުމުގެ އުއްމީދު ދީފައިކަމަށް ޔުއެފާގެ ރައީސް މި ބަޔާނުގައި ބުނެފައިވެއެވެ.
"އޭނާގެ މަރަކީ ފުޓްބޯޅައިގެ ދުނިޔެއަށާއި، ކުޅިވަރުގެ ބާރަކީ މީހުން އެއްބައިވަންތަކަމަށް ގެނައުމުގެ ބާރެއްކަން ގަބޫލުކުރާ އެންމެންނަށް ލިބުނު ބޮޑު ގެއްލުމެއް." ޔުއެފާގެ ރައީސް ބުނެފަވެއެވެ.
ޕީއެފްއޭއިން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި އޮކްޓޯބަރ 2023 އިން ފެށިގެން އިސްރާއީލް-ހަމާސް ހަނގުރާމައިގައި ފަލަސްތީންގެ ފުޓްބޯޅައިގެ މުޖުތަމަޢުގެ 325 ކުޅުންތެރިން، ކޯޗުން، އިދާރީ މުވައްޒަފުން، ރެފްރީން އަދި ކްލަބް ބޯޑު މެންބަރުން ޝަހީދުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!