އޮކްޓޯބަރު 2023 އިން ފެށިގެން ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލީ މަރުގެ ހަނގުރާމައިގައި މަދުވެގެން 61,258 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް، އޭގެ ތެރޭގައި ބަނޑުހައިހޫނުކަމުގައި 197 މީހުން މަރުވެފައިވާ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުރާސްފަތި ދުވަހު ބުނެފިއެވެ.

ޣައްޒާގެ ސިއްހީ ވުޒާރާގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 100 ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެނެވުނެވެ. އަދި 603 މީހުން ޒަހަމްވެފައިވެއެވެ. މިއާއެކު އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 152,045 އަށް އަރައިފިއެވެ.

Ad
rt

އިއްޔެގައި އިތުރު 4 މީހުން ބަނޑުހައިހޫނުކަމާއި ކެއުމުގެ ދަތިކަމުން މަރުވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. މިއާއެކު އޮކްޓޯބަރު 2023 އިން ފެށިގެން މިގޮތުން މަރުވި މީހުންގެ އަދަދު 197 އަށް އަރައިފައިވެއެވެ. އޭގެ ތެރޭގައި 96 ކުޑަކުދިން ހިމެނެއެވެ.

އިސްރާއީލުގެ ބްލޮކޭޑްގެ ސަބަބުން ކާނާއާއި ބޭހުގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ހާން ޔޫނުސްގެ ނާސަރު މެޑިކަލް ކޮމްޕްލެކްސްގައި 16 މަސްދުވަހުގެ މުހައްމަދު ޒަކަރިއްޔާ އަސްފޫރު ބަނޑުހައިހޫނުކަމާ ގުޅުންހުރި ބަލިތަކުގެ ސަބަބުން ނިޔާވެއްޖެކަމަށް މެޑިކަލް މަސްދަރެއް އަނަދޫލު ނޫހަށް ކަށަވަރުކޮށްދީފަވެއެވެ. އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި މުހައްމަދުގެ ހިކިފައިވާ ހަށިގަނޑާއި ކަށިތައް ފެންނަ ވީޑިއޯތަކެއް ޝެއަރކޮށްފައެވެ.

އިއްޔެގައި އިންސާނީ އެހީ ހޯދަން އުޅުނު އިރު 51 ފަލަސްތީނުން މަރުވެ، 230 މީހުން ޒަހަމްވެފައިވާ ކަމަށް ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. މިއާއެކު މޭ 27 ގައި ވިވާދަވެރި ގައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން މަސައްކަތް ފެށި ފަހުން އެހީ ހޯދަން އުޅުނު އިރު މަރުވި މީހުންގެ އަދަދު 1,706 އަށް އަރައިފައިވެއެވެ. އަދި 12,030 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

އިސްރާއީލުން 18 އަހަރު ވަންދެން ގައްޒާގައި ބްލޮކޭޑެއް އަޅާފައިވެއެވެ. އަދި މާރިޗު 2 އިން ފެށިގެން ހުރިހާ ކްރޮސިންގތަކެއް ބަންދުކޮށް، އިންސާނީ އެހީ ވަނުން ހުއްޓުވާލައި، އެސަރަހައްދުގެ 2.4 މިލިއަން އާބާދީގެ ހާލަތު އިތުރަށް ގޯސްކޮށްފައިވެއެވެ.

ގައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި ބުދަ ދުވަހު އިސްރާއީލުން ހަމައެކަނި 92 އެހީގެ ޓްރަކު ވައްދާފައިވެއެވެ. މިއީ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ދުވާލަކު ބޭނުންވާ 600 ޓްރަކަށްވުރެ މާ މަދު އަދަދެކެވެ.