ހައްދުފަހަނާ އަޅާފައިވާ އިސްރާއީލްގެ ގަސްދު ހަމަލާތަކާއި، އަނިޔާގެ ސަބަބުން ކުރިމަތިވެފައިވާ ބަނޑުހައިހައިހޫނުކަމާއެކު ކޮންމެ ދުވަހަކު އެވްރެޖްކޮށް ޣައްޒާއިން 28 ކުދިން ޝަހީދުވާކަމަށް އެކުވެރި ދައުލަތްތަކު(އދ.)ގެ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފިއެވެ.
ޔުނިސެފުން ހޯމަ ދުވަހު އެކްސް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 660 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ އިސްރާއީލުގެ ބޮންގޮއްވުމާއި ބަނޑަހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ކޮންމެ ދުވަހަކު ގާތްގަނޑަކަށް 28 ކުދިން ޝަހީދުވަމުންދާ ކަމަށެވެ.
އެކްސްގައި އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ޣައްޒާގައި ކުދިން ޝަހީދުވާން ދިމާވާ ސަބަބުތައް ވެސް ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އޭގެ ތެރޭގައު އިސްރާއީލުން ބޮންގޮއްވުމުގެ ސަބަބުން ޝަހީދުވާ ކުދިންނާއި، ކާނެއެއްޗެއްނުލުބި ބަނޑުހައިހޫމުކަމުގެ ސަބަބުން ޝަހީދުވާ ކުޑަކުދިންނާއި އަދި އެހީއާއި މުހިންމު ޚިދުމަތްތައް ނުލިބުމުގެ ސަބަބުން ޝަހީދުވާ ކުޑަކުދިން ހިމެނެއެވެ.
"ޣައްޒާގައި، ދުވާލަކު އެވްރެޖްކޮށް 28 ކުދިން، އެއީ ކްލާސްރޫމެއްގެ ސައިޒު، ޝަހީދުވޭ" ޔުނިސެފްގެ ބަޔާނުގައި ބުނެފައި ވެއެވެ.
"ޣައްޒާގެ ކުދިންނަށް ކާނާއާއި، ފެނާއި، ބޭސް އަދި ރައްކާތެރިކަން ބޭނުންވޭ. އެއަށްވުރެ މާ ބޮޑަށް، އެ ކުދިންނަށް ހަނގުރާމަ ހުއްޓާލުން މިހާރު ބޭނުންވޭ." ޔުނިސެފުން އިތުރަށް ބުނެފަވެއެވެ.
އދ. އިން ބުނެފައިވާ ގޮތުގައި އިސްރާއީލުން މިލިޓަރައިޒްކޮށްފައިވާ އެހީ ބެހުމުގެ ޕޮއިންޓްތަކުން ނުވަތަ އދ. ގެ އެހީގެ މަގުތަކުން ކާނާ ހޯދަން އުޅުމުގެ ތެރޭގައި މެއި މަހުން ފެށިގެން ޣައްޒާގައި 1,500 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
ޣާއްޒާގެ ހެލްތް މިނިސްޓްރީން ލަފާކޮށްފައިވާ ގޮތުގައި 7 އޮކްޓޯބަރު 2023 ގައި އިސްރާއީލުން ޣައްޒާ އަށް ދެމުންދާ އަނިޔާގައި މިއަހަރުގެ ޖުލައިގެ ނިޔަލަށް 18500 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުވެފައެވެ. މި މަހު މިހާތަނަށް 94 ކުދިން ވަނީ ޝަހީދު ވެފައެވެ. ނަމަވެސް ޣައްޒާގެ މުވާސަލާތުގެ ހާލަތާއި، ދަތުރުފަތުރާއި، މަގުތަކާއި ބޭރުތެެރޭގައި އޮތް ނާންމާންކަމާއި، އިމާރާތްތަކުގެ ދަށުވެ ގެއްލިދިޔަ އެތައް ފުރާނަތަކާއެކު މި އަދަދަކީ މުޅިން ސާފު އަދަދެއްނޫނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!