މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތައް ދެވޭގޮތަށް ޤާނޫނުގައި ހިމެނުމަށް އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ.

ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށެވެ.

Ad
rt

''އެގޮތުން، މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައި ވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް ވާނީ މިހާރު ދަންނަވާފައި.'' ރައީސް ވިދާޅުވެފަވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ ފައިސާ އާއި މުދާ ދައުލަތަށް ނެގޭގޮތަށް ހިމަނައި މަސްތުވާތަކެއްޗާއިބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެއް ސަރުކާރުން ވަނީ 2 ޑިސެމްބަރު 2024 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މި ބިލުގައި މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭގޮތަށް އިސްލާޙް ހުށަހަޅާފައެވެ. އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެއްގެ ޝަރީއަތުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށްކުށް ސާބިތު ނުވިޔަސް، ވަކި ޝަރުތެއް ފުރިހަމަވާ ނަމަ، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތަކަށް ބަދަލުގެންނަން ވެސް ވަނީ ހިމަނާފައެވެ.