ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އިންޑިއާ ސަރުކާރުން ވަގުތުން ފިޔަވަޅު އެޅުމަށް އެގައުމުގެ އިސް މުސްލިމް ޖަމްޢިއްޔާތަކާއި ދީނީ ޢިލްމުވެރިން ސަރުކާރަށް ގޮވާލައިފި އެވެ.

މިފަދައިން އިންޑިއާގެ ސަރުކާރަށް ގޮވާލި ފަރާތްތަކުގެ ތެރޭގައި އޯލް އިންޑިއާ މުސްލިމް ޕަރސަނަލް ލޯ ބޯޑު، ޖަމްޢިއްޔަތުލް ޢުލަމާއެ ހިންދު، ޖަމާޢަތެ އިސްލާމީ ހިންދު، މަރްކަޒީ ޖަމްޢިއްޔަތު އަހްލެ ހަދީޘް އަދި ސްޓޫޑެންޓްސް އިސްލާމިކް އޯގަނައިޒޭޝަން އޮފް އިންޑިއާ ފަދަ ޖަމްޢިއްޔާތައް ހިމެނެއެވެ.

ދީނީ އިލްމުވެރިންނާއި މުސްލުމް ޖަމްޢިއްޔާތައް ގުޅިގެން މިއަދު ވަނީ ޕްރެސް ކްލަބް އޮފް އިންޑިއާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އިންޑިއާ ސަރުކާރަށް ހުށައެޅުންތަކެއް ހުށައަޅާފައެވެ.

Ad
rt

އިންޑިއާ ސަރުކާރަށް ހުށަހަޅާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގުތައް ޤާއިމްކުރުމާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާގެ އެހީއާއި، ފެނާއި ތެޔޮ ފޯރުކޮށްދިނުމާއި، އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓެންދެން އެ ޤައުމާއެކު އޮންނަ ހުރިހާ އަސްކަރީ އަދި އިސްތިރާޖީ ގުޅުންތައް މެދުކަނޑާލުން ހިމެނެއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ އާންމު ރައްޔިތުންނަށް ގޮވާލާފައިވަނީ ފަލަސްޠީނު ރައްޔިތުންނާ އެއްބައިވުމަށް އެންމެހާ ދީންތަކުގެ މީހުން ކުރިއަށް އައުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން މުސްލިމް ޤައުމުތަކުންވެސް، އިސްރާއީލާ އެކު އޮންނަ ގުޅުންތައް ކަނޑާލައި، އެ ޤައުމުގެ އަނިޔާވެރިކަން ހުއްޓުވުމަށް އެއް ސަފެއްގައި މަސައްކަތްކުރުމަށް ގޮވާލާފައިވެއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަކީ މިޒަމާނުގެ އެންމެ ނުރައްކާތެރި ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން އެއް ހާލަތް ކަމަށާއި މިއީ ދިފާޢީ ހަނގުރާމައެއް ނޫން ކަމަށާއި، ޣައްޒާގެ އާބާދީ ނައްތާލުމަށް ކުރެވޭ ގަސްދުގައި ރޭވިގެން ކުރާ މަސައްކަތެއް ކަމުގައެވެ.

ޣައްޒާގައި މިހާރު ދެ މިލިއަނަށްވުރެ ގިނަ އާންމު ރައްޔިތުން ކާބޯތަކެތި، ސާފު ފެން، ބޭސްފަރުވާގެ އެހީ ފަދަ ޒަރޫރީ އާންމު ޚިދުމަތްތަކުން މަޙްރޫމުވެފައިވާކަމަށާއި، 90 އިންސައްތައަށްވުރެ ގިނަ ހޮސްޕިޓަލްތައް ފުނޑުފުނޑުވެ ނުވަތަ ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.