ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ސިޔާސީ ބައެއް ބޭފުޅޫންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން އިދިކޮޅު އެމްޑީޕީއާ މޯދީ ބައްދަލުކުރެއްވީ ވަކިންނެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އެޕާޓީގެ ރައީސް މުހައްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެހެން ޕާޓީތަކުގެ ތެރެއިން އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާވެސް ބައްދަލުކުރެއްވިއެވެ.

Ad
rt

މި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މޯދީ ވަނީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި "ނެއިބަހުޑް ފަސްޓް" ސިޔާސަތާއި އިންޑިއާގެ "މަހާސަގަރު" ގެ ތަސައްވަރުގެ އަގުހުރި ތަނބެއްގެ ގޮތުގައި ރާއްޖެ އޮތުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް މޯދީ ވިދާޅުވިއެވެ.

ބައްދަލުވުންތަކަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވެފައިވަނީ، މިއީ ދެ ގައުމުގެ ވަރުގަދަ އަދި ތާރީހީ އެކުވެރިކަމުގެ ގުޅުމަށް ދެފަރާތުން ތާއީދު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި "އިންޑިއާއިން ދިވެހިރާއްޖެއަށް ކެޕޭސިޓީ ބިލްޑިން އާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހާއްސަކޮށް މަޖިލީހުގެ ރައީސް އަބްދުއްރަހީމާއެކު ބޭއްވެވި ބައްދަލުވުމުގައި، 20 ވަނަ މަޖިލީހުގައި އިންޑިއާ-މޯލްޑިވްސް ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕް އުފެދުމަކީ ދެ ގައުމުގެ ގުޅުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމުގައި މޯދީ ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ ކުރިއަށް އޮތް އަހަރުތަކުގައި މި ޕާޓްނާޝިޕް އާ ހަރުފަތަކަށް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އޮތް ކަމަށެވެ.