ޤައުމީ މުހިއްމު ކަންކަމާއި ރައްޔިތުންނާ ގުޅޭ މައްސަލަތަކުގައި އާންމުންގެ ޚިޔާލު ހޯދުމުގެ މަގުފަހިކުރުމަށް ސަރުކާރުން "ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.

Ad
rt

މި ބިލުގެ މަޤްސަދުކަމުގައި ބުނެފައި ވަނީ ޤައުމީ އެކި މައްސަލަތަކާއި ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަމުގައި އާންމު ރައްޔިތުންގެ ވޯޓަށް އެހުމަށް ގާނޫނީ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމެވެ. މިފަދަ ވޯޓެއް ނެގުމުގެ ވިސްނުން އެންމެ ފުރަތަމަ އާންމުކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޚިޠާބުގައެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓަށް އެހޭނެ ކަންކަމުގެ ތެރޭގައި ތިރީގައި މިވާ ކަންކަން ހިމެނެއެވެ:

  • ޤާނޫނުއަސާސީގެ އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބަޔަށް އިސްލާހު ގެނައުން.
  • ރައްޔިތުންގެ މަޖިލީހުގެ ދައުރު.
  • ރިޔާސަތުގެ ދައުރު.
  • ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް.
  • ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީޤުކުރުން (ޚާއްސަކޮށް މަޖިލީހުން ފާސްކުރާ ބިލެއް ރައީސް އަނބުރާ ފޮނުވާލާ ހާލަތްތަކުގައި).
  • ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ ކަންކަން.

ވޯޓު ނެގުމުގެ އުސޫލުތަކަށް ބަލާއިރު، ޤައުމީ މުހިއްމު މައްސަލައެއްގައި އާންމުންގެ ހިޔާލު ހޯދުމަށް ރައީސަށް ފެނިވަޑައިގަންނަވާނަމަ، ނުވަތަ ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއް ރައީސް ތަސްދީޤުނުކޮށް މަޖިލީހަށް އަނބުރާ ފޮނުވާލާނަމަ ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ނިންމަން ޖެހޭނެއެވެ.

މިފަދަ ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނުވަތަ މަޖިލީހުން ޤަރާރެއް ނެރެން ޖެހޭނެއެވެ. މަޖިލީހުގެ ޤަރާރު ފާސްކުރަންޖެހެނީ ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ޤަރާރުގައި ވޯޓަށް ހުށަހަޅާ ސުވާލުގެ އިބާރާތާއި ސަބަބު އަދި ވޯޓު ނަގާ މުއްދަތު ހިމަނަން ޖެހޭނެއެވެ. ޢާންމު ވޯޓު ނަގަންވާނީ ސިއްރު ވޯޓެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުންނެވެ.

ވޯޓަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ފަސް ދުވަހުގެ ތެރޭގައި ސުވާލު އާންމުކުރަން ޖެހެއެވެ. އަދި ވޯޓަށް އެހުމަށް ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް، ގިނަވެގެން 90 ދުވަސް ހޭދަވާން ޖެހެއެވެ. އުމުރުން 18 އަހަރުވުމުން ކޮންމެ މީހަކަށް ވެސް މި ވޯޓުގައި ބައިވެރިވެވޭނެއެވެ. ވޯޓު ނަގާތާ 14 ދުވަހުގެ ތެރޭގައި ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރަން ޖެހެއެވެ.

މީގެ އިތުރުން، ވޯޓު ނެގުމަށް ނެރޭ ޤަރާރު އިލެކްޝަންސް ކޮމިޝަނުން ތާރީޚު އިއުލާންކުރުމުގެ ކުރިން އަނބުރާ ގެންދެވިދާނެކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.