ފީފާ ކްލަބް ވޯލްޑް ކަޕުގެ ދެވަނަ ބުރުގައި އަލް ހިލާލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 4-3 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން އަލް ހިލާލް ޖާގަ ހޯދައިފިއެވެ.
މިއަދު ހެދުނު ކޭމްޕިން ވޯލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ފުރަތަމަ ހާފު ނިންމާލިއިރު، ސިޓީން އޮތީ ލީޑުގަ އެވެ. މި ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން، ބެނާޑޯ ސިލްވާ އެވެ. އެކަމަކު، ދެ ވަނަ ހާފު ފެށިގެން ހަ މިނިޓް ތެރޭ އަލް ހިލާލުން ނަތީޖާ އަނބުރާލި އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 40 ސިކުންތުގެ ކުޅުން ނިމުނުތަނާ އޭރިއާތެރެއިން ލިބުނު ބޯޅައެއް ބޮލުން ގޯލަށް ވައްދާލައި، މާކޯސް ލެއޮނާޑޯ ވަނީ ގޯލު ޖަހައިފަ އެވެ. އަދި، 52 ވަނަ މިނިޓްގައި، ސިޓީން ކޯނަރަކަށް ކުރިއަރައި ތިބި ވަގުތެއްގައި ޑިފެންސް ފަހަތަށް އައި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، މަލްކޮމް ވަނީ ހިލާލަށް ލީޑުނަގައިދީފައެވެ.
އޭގެ ތިން މިނިޓު ފަހުން މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި އަލް ހިލާލްގެ ހާލިދު ކުލިބާލީ ވަނީ އިތުރު ލަނޑެއް ޖަހާ ދެވަނަ ފަހަރަށް އަލް ހިލާލް އަށް ކުރި ހޯދަދީފައެވެ. ނަމަވެސް އޭގެ ހަ މިނިޓު ފަހުން ފިލް ފޯޑެން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ސިޓީ އަށް އެއްވަރުކޮށްދީފައެވެ. އަލް ހިލާލުން ޕެޕް ގަޑިއޯލާގެ ވަރުގަދަ ޓީމު ސިއްސުވާލާފައިވަނީ މެޗުގެ 112 ވަނަ މިނިޓުގައި މާކޮސް ލިއޮނާޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުން މޮޅުވުމާއިއެކު މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި އަލް ހިލާލް ނިކުންނާނީ ބްރެޒިލްގެ ފުލުމިނެންސޭ އާއި ދެކޮޅަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!