އަހަރުތަކުގެ ހަމަނުޖެހުންތަކަށްފަހު ޑިމޮކްރަޓިކް ރިޕަލްކް އޮފް ކޮންގޯއާއި ރުވާންޑާއިން ހަމަޖެހުމުގެ އެއްބަސްވުމަކަށް އައިސްފިއެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެމެރިކާގައި އިއްޔެއެވެ. އެމެރިކާ އަދި ޤަތަރު މެދުވެރިއެއްގެ ގޮތުގައި އޮވެ ވެވުނު މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ކޮންގޯ އާއި ރުވާންޑާގެ ޚާރިޖީ ވަޒީރުންނެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން އިގްތިސާދީގޮތުން ގުޅުން ބަދަހިކުރުމުގެ ފްރޭމްވޯކެއް 90 ދުވަހުގެ ތެރޭގައި ހަދާނެއެވެ. އަދި ދެ ޤައުމު ގުޅިގެން ސެކިއުރިޓީ ދާއިރާއިން މަސައްކަތް ކުރެވޭނެ މެކޭނިޒަމެއް 30 ދުވަހުގެ ތެރޭގައި ގާއިމުކުރާނެއެވެ.

މީގެ އިތުރުން މިހާރު ކޮންގޯގައި ތިބި ރުވާންޑާގެ ސިފައިން 3 މަސް ދުވަހުގެ ތެރޭގައި އެ ޤައުމުން ފޭބުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މި އެއްބަސްވުމާއެކު ކޮންގޯގެ އުތުރު އަދި ދެކުނު ކިވޫގެ އެމް32 ރެބެލް ގްރޫޕުން ހިންގާ ހަމަނުޖެހުންތައް ހުއްޓިގެންދާނެކަމަށް ބެލެވެއެވެ. މި ހަމަނުޖެހުންތަކަކީ ރުވާންޑާގެ އެހީއާއެކު ހިންގާ ހަމަނުޖެހުންތަކެވެ.

ރުވާންޑާ އާއި ކޮންގޯގައި ހަމަނެޖެހުންތައް ފެށުނީ 1994 ގައި ރުވާންޑާގައި ހިންގި ނަސްލު ހޭދަކުރުމާ ގުޅިގެންނެވެ. މިއަހަރު މި ހަމަނުޖެހުންތައް ވަނީ އިތުރުވެފައެވެ.