ތ. ތިމަރަފުށީ ކޯޓުގެ އަމުރަކަށް ފުލުހުން މާމައާ ހަވާލުކުރި އުމުރުން ހަ އަހަރުގެ ކުއްޖާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ބުނީ، މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ އުމުރުން ހަ އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެ ތިބި ފަރާތްތަކުން އިހްމާލުވަމުންދާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމާބެހޭ މައްސަލައެއް ދައުލަތުގެ ފަރާތުން ފެމެލީ ކޯޓަށް މިއަދު ހުށަހަޅައިފައިވާ ކަމަށެވެ.

Ad
rt

"މި ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް،"

އެދިފައިވާ ކަމަށް ބަންޑާރަނައިބު އޮފީހުގެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ޓްވީޓްގައި އިތުރަށް ބުނީ، މި މައްސަލައިގެ އަޑުއެހުމެއް ފެމެލީ ކޯޓުގައި މިރޭ ވަނީ ތާވަލު ކުރެވިފައި ކަމަށެވެ.

އެ ކުއްޖާ މާމައާ ހަވާލުކުރަން އުޅުމުން މ. މުލަކު ރައްޔިތުން ވަނީ އެކަމަށް ހުރަސްއަޅާފައެވެ. ކުއްޖާ ބައްޕަ ކައިރީ ހުއްޓާ ފުލުހުން އިއްޔެ އެކުއްޖާ މަންމަ ފަރާތު މާމަ އާއި ހަވާލު ކުރަން އުޅުމުން ހަމަނުޖެހުން ހިނގީ މ.އަތޮޅު މުލަކުގައެވެ. އެކުއްޖާ އަކީ މުލަކު ފިރިހެނަކާއި ތ.އަތޮޅު ތިމަރަފުށީ އަންހެނަކަށް ލިބިފައިވާ ކުއްޖެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވާ ދެއްވުމަށް ދައުލަތުގެ ފަރާތުން އެދުމުން، މި މައްސަލައިގެ އަޑުއެހުމެއް ފެމެލީ ކޯޓުގައި މިރޭ ވަނީ ތާވަލު ކޮށްފައެވެ.