ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ބޭނުންކޮށްގެން ފިހާރަތަކުން ވިޔަފާރިކުރި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު (30އ، ބަންގްލަދޭޝް) އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ޖޫން 17 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad
rt

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މެއި މަހުގެ ތެރޭގައި ހުޅުމާލޭ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން މުދާ ގަނެފައިވާ ކަމަށް ބުނެއެވެ. ފުލުހުން މި މައްސަލަ ތަހުގީގުކުރުމަށް ފަހު އެނގުނު ގޮތުގައި ޒައިދާން މާލޭގެ އިތުރު ދެ ފިހާރައަކުން ވެސް ހަމަ މިފަދަ މަކަރާއި ހީލަތުން މުދާ ހޯދާފައިވެއެވެ.

އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް މި މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފޫޓޭޖްތަކުން ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން އެ އެޕާޓްމަންޓްތައް ބަލައި ފާސްކުރިއިރު، މައްސަލައާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިގޮތުން، ހުޅުމާލޭގެ ފިހާރައިން 36,467 ރުފިޔާގެ ތަކެއްޗާއި، މާލޭގެ ދެ ފިހާރައިން 31,150 ރުފިޔާ އަދި 5,817 ރުފިޔާގެ ތަކެތި މިފަދަ ހީލަތުން ހޯދާފައިވާކަން ތަހުގީގަށް ވަނީ އެނގިފައެވެ.

ހައްޔަރުކުރެވުނު ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޒައިދާން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ޒައިދާން މުޙައްމަދު ހާޝިމްގެ މައްޗަށް މަކަރާއި ހީލަތުގެ 11 މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ދެ މައްސަލައެއްގެ ޝަރީއަތް ވެސް މިހާރު ކުރިއަށްދާކަމަށެވެ.