24 އަހަރަށް ފަހު ރެއާލް އޮވިއޭޑޯ ސްޕެނިޝް ލަލީގާއަށް ކޮލިފައިވެއްޖެއެވެ.

ޕްލޭއޮފް ފައިނަލުގައި ރޭ އޮވިއޭޑޯއާއި މިރަންޑެސް ބައްދަލުކުރި މެޗު، އޮވިއޭޑޯއިން ކާމިޔާބު ކޮށްފައި ވަނީ މިރަންޑެސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު (3-1) ޖަހައިގެންނެވެ.

Ad
rt

ޕްލޭއޮފް ސެމީ ފައިނަލާއި، ޕްލޭއޮފް ފައިނަލުގައި އޮވިއޭޑޯ ޓީމުގައި އެންމެ ބޮޑު ތަފާތެއް ދައްކާފައި ވަނީ މިހާރު އުމުރުން 40 އަހަރު ފުރިފައިވާ ކުރީގެ ސްޕެއިން މިޑްފީލްޑަރ ސަންޓި ކަޒޯލާއެވެ. އޭނާ ވަނީ ސެމީ ފައިނަލް މެޗުގައި ވެސް އެ ޓީމަށް ލަނޑު ޖަހައިދީފައެވެ. އަދި ރޭ ކުޅުން ފައިނަލް މެޗުގައި ވެސް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖަހާފައި ވަނީ އޭނާއެވެ.

ކްޒޯލާއަކީ އޮވިއޭޑޯގެ ޔޫތު ސިސްޓަމްގެ ތެރެއިން ފުޓްބޯޅަ އަށް ނުކުތް ކުޅުންތެރިއެކެވެ. އޭނާ އެ ޓީމް ދޫކޮށްލާފައި ވަނީ 2003 ވަނަ އަހަރު އެ ޓީމު މާލީ ގޮތުން އަޑިއަޅާލުމާއި ގުޅިގެންނެވެ.

ސްޕެއިން ގައުމީ ޓީމާއިއެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ދެފަހަރު ކާމިޔާބުކުރި ކަޒޯލާ ވަނީ ޕްރިމިއާ ލީގުގެ އާސެނަލްގެ އިތުރުން ސްޕެއިންގެ ވިޔަރެއާލަށް ކުޅެފައެވެ.

ކެރިއަރުގެ ފަހުކޮޅުގައި ސީރިއަސް އަނިޔާތަކެއްގައި އުޅެން ޖެހުނު ކަޒޯލާ، 2016 ވަނަ އަހަރު ލިބުނު އަނިޔާ އަކުން ރަނގަޅުވާން 11 އޮޕަރޭޝަން ކުރަން ޖެހުނެވެ. ޑޮކްޓަރުން އޭނާއަށް ފުޓްބޯޅައިން ރިޓަޔަރ ކުރަން ލަފާދިން ނަމަވެސް ހިތްވަރުކޮށް އަނިޔާއިން ސަލާމަތްވެ އޭނާ ވަނީ 2023 ވަނަ އަހަރު އޮވިއޭޑޯއާއި އަލުން ގުޅިފައެވެ.