އީރާނުން ރައްދުގައި އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރު ކުރިއަށްދާއިރު، މިސައިލް ހަމަލާތައް މެދުނުކެނޑި ކުރިއަށްދާނެކަމަށާއި އަދި ޔަހޫދީންގެ މައްޗަށް ނަރަކައިގެ ދޮރުތައް ހުޅުވާލާފައިކަމަށް އީރާނުން ބުނެފިއެވެ.

އީރާންގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލަށް ދޭ މިސައިލް ހަމަލާތައް "އަމާޒުކުރެވިގެން އަދި މެދުނުކެނޑި" ކުރިއަށްދާނެ ކަމަށެވެ.

Ad
rt

އައިއާރުޖީސީ އިން ބުނެފައިވަނީ އިސްރާއީލަށް ދޭ ހަމަލާތަކުގެ 12 ވަނަ ބުރުގައި ވަރަށް ދުރަށް ދަތުރުކުރާ ސެޖިލް މިސައިލްތައް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އިސްރާއީލުން ''ފޭރިގެންފައިވާ ބިންތަކުގެ މަތި'' އީރާންގެ މިސައިލްތަކާއި ޑްރޯންތަކަށް ހުޅުވާލެވިފައިވާ ކަމަށް ބުނެފަވެއެވެ.

"މިސައިލް ހަމަލާތައް އަމާޒުކުރެވިގެން މެދުނުކެނޑި ކުރިއަށްދާނެ، އަދި އަހަރެމެން ވަނީ ޒަޔޮނިސްޓުންގެ މައްޗަށް ނަރަކައިގެ ދޮރުތައް ހުޅުވާލާފައި،" އައިއާރުޖީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ މިސައިލް ޑިފެންސް ޕްރޮޖެކްޓުން ބުނާގޮތުގައި އީރާނުން ހަމަލާތަކުގެ 12 ވަނަ ބުރުގައި ބޭނުންކުރި މަސައިލް، ސެޖިލް އަކީ "ދެ މަރުހަލާއެއްގެ، މެދު މިނުގެ ދުރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލެއް" އެވެ. މިއީ އީރާނުގައި ފަރުމާކޮށް އުފައްދާފައިވާ މިސައިލެކެވެ. 18 މީޓަރު (59 ފޫޓު) ދިގުމިނުގެ މި މިސައިލަށް 2،000 ކިލޯމީޓަރު (1،242 މޭލު) ދުރަށް ދަތުރުކުރެވެއެވެ. މި ޑޭޓާބޭސްގައިވާ ގޮތުން މި މިސައިލަށް 700 ކިލޯގްރާމް (1،543 ޕައުންޑް) ގެ ބަރުދަނެއް އުފުލޭނެއެވެ.

އިސްރާއީލުން އީރާނަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 240 އަށްވުރެ އިތުރުވެފައިވާއިރު، މީގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އީރާނުން އިސްރާއީލަށް ދިން ހަމަލާތަކުގައި 24 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.