ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން އީރާނަށް ހަމަލާދީ ހަނގުރާމަ ފަށައިފިއެވެ.
ދަ ޓައިމްސް އޮފް އިޒްރޭލް އިން ރިޕޯޓްކުރާ ގޮތުގައި، "ރައިޒިންގ ލަޔަން" ގެ ނަމުގައި ފެށި އޮޕަރޭޝަނެއްގައި އިޒްރޭލްގެ މިލިޓަރީން ވަނީ އީރާނަށް ހަމަލާދޭން ފަށާފައެވެ.
ހައްދުފަހަނާއަޅާފައިވާ އިޒްރޭލްގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ބުނިގޮތުގައި މި ހަމަލާތައް އަމާޒުކުރެވިފައިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި، ބެލިސްޓިކް މިސައިލްތަކާއި އަދި މިލިޓަރީ ޤާބިލިއްޔަތަށެވެ.
"މި އޮޕަރޭޝަން ކުރިއަށްދާނީ މިޝަން ފުރިހަމަވަންދެން، ބޭނުންވާ ހުރިހާ ވަގުތެއް" ކަމަށް ނެތަންޔާހޫ ބުނެފަވެއެވެ.
އިޒްރޭލް މިލިޓަރީގެ ސްޕޯކްސްޕަރސަން ނެރުނު ބަޔާނެއްގައި، މުޅި ޤައުމުގައި ލޯކަލް ޓައިމުން 3:00 (ޖީ.އެމް.ޓީ 00:00) އިން ފެށިގެން "އަސާސީ ވިޔަފާރިތައް ފިޔަވައި، ތަޢުލީމީ ހަރަކާތްތަކާއި، އެއްވުންތަކާއި، މަސައްކަތްތައް" މަނާކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި އަމުރު ނެރެފައި ވަނީ އިޒްރޭލުން އީރާނުގެ އަމާޒުތަކަށް ހަމަލާދިން ކަމުގެ ރިޕޯޓުތަކަށް ފަހުގައެވެ. މި ބަޔާނުގައި ބުނެފައިވާ ގޮތުން ޤައުމުގެ ދިފާޢީ ސިޔާސަތަށް "ވަގުތުން ބަދަލުތަކެއް ގެނެވޭނެ" އެވެ.
"މި ބަދަލުތަކުގެ ތެރޭގައި، ޤައުމުގެ ހުރިހާ ސަރަޙައްދެއް ފުރިހަމަ ހަރަކާތްތެރިކަމުގެ ލެވެލްއިން ކޮންމެހެން ބޭނުންވާ ހަރަކާތްތެރިކަމުގެ ލެވެލްއަށް ބަދަލުކުރުމަށް ވަނީ ނިންމާފައި." އެ ބަޔާނުގައި ބުނެފަވެއެވެ.
އީރާނުގެ ޕްރެސް ޓީވީން ބުނާ ގޮތުގައި މި ހަމާލާތައް ވަނީ އާންމުންގެ ގެދޮރަށް ވެސް އަމާޒުވެފައެވެ. އީރާނުގެ ރަސްމީ ނިއުސް އައުޓްލެޓުން ހިއްސާކޮށްފައިވާ ފޮޓޯތަކުގައި ދައްކާ ގޮތުން އިޒްރޭލުގެ ހަމަލާގައި އާންމު އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.
އިޒްރޭލް މިލިޓަރީން ކަށަވަރުކޮށްފައިވާ ގޮތުގައި އެތައް ޑަޒަން ޖެޓް މެދުވެރިކޮށް އީރާނަށް ހަމަލާދީފައިވާ ކަމަށާއި، މިލިޓަރީ އަދި ނިއުކްލިއަރ ސައިޓްތަކަށް އަމާޒުކުރެވުނު ކަމަށް ބުނެފައިވެއެވެ.
އެ ހަމަލާއަކީ "ފެންވަރު މަތީ އިންޓެލިޖެންސްގެ މައްޗަށް ބިނާކޮށް، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަށް ހަމަލާދިނުމުގެ މަޤްޞަދުގައި ދެވުނު ސީދާ އަދި އެކުގައި ރޭވިގެން ދެވުނު ޕްރިއެމްޕްޓިވް ސްޓްރައިކްއެއް" ކަމަށް ބުނެފައިވެއެވެ.
އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުމަށްކަމަށްބުނެ ފެށި 'އޮޕަރޭޝަން ރައިޒިންގ ލަޔަން' ގައި އީރާނުގެ އިސް މިލިޓަރީ އޮފިޝަލުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރުވެފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ.
އީރާނުގެ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި މަރުވެފައިވާކަން ކަށަވަރުވެފައިވާ މީހުންގެ ތެރޭގައި:
- ހުސެއިން ސަލާމީ، އިސްލާމިކް ރެވޮލިއުޝަނަރީ ގާޑްސްގެ ކޮމާންޑަރ އިން ޗީފް
- ޣުލާމްޢަލީ ރަޝީދު، ޚާތަމް-އަލް އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސްގެ ކޮމާންޑަރ
- ފެރެއިދޫން ޢައްބާސީ، ނިއުކްލިއަރ ސައިންޓިސްޓް އަދި އީރާނުގެ އެޓޮމިކް އެނަރޖީ އޯގަނައިޒޭޝަންގެ ކުރީގެ އިސްވެރިޔާ
- މުޙައްމަދު މަހްދީ ތެހްރާންޗީ، އީރާނުގެ ނިއުކްލިއަރ ހަތިޔާރުގެ ޕްރޮގްރާމުގައި ހަރަކާތްތެރިވި އަނެއް ނިއުކްލިއަރ ސައިންޓިސްޓް
- މުޙައްމަދު ބާޤިރީ، އީރާނުގެ އާމްޑް ފޯސަސްގެ ޗީފް އޮފް ސްޓާފް
އީރާނުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުއްﷲ ޢަލީ ޚާމެނީގެ އިސް ލަފާދޭ ފަރާތެއް ކަމުގައިވާ ޢަލީ ޝަމްޚާނީއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
މި ހަމަލާތަކާއި ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ބުނީ ''މިކަން ފެށީ އެމީހުންކަން ހަނދާންކުރަން ޖެހޭނެ'' ކަމަށެވެ. އަދި ''ލޭގެ ބަދަލަކީ ލޭ'' ކަމަށް ވެސް ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!