1446 ވަނަ އަހަރުގެ ޙައްޖު މޫސުން ކާމިޔާބުކަމާއެކު އެއްވެސް ހާދިސާއެއް ނެތި ނިމުނުކަން ސަޢޫދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފިއެވެ.

ސައޫދީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މައްކާ ސަރަޙައްދުގެ ޑެޕިއުޓީ އަމީރު އަދި ދާއިމީ ޙައްޖު އަދި ޢުމްރާ ކޮމިޓީގެ ނައިބު ރައީސް، އަމީރު ސަޢުދު ބިން މިޝްޢަލް ވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުން ސަލާމަތްތެރިކަމާއި، ސިއްޙީ އަދި ޚިދުމަތްތަކާ ގުޅޭ އެއްވެސް ހާދިސާއެއް ނެތި ކާމިޔާބުކަމާއެކު ނިމުނުކަން އިޢުލާނުކުރައްވާފައެވެ.

Ad
rt

މިނާގައި ހުންނަ ގަވަރނަރޭޓްގެ މައި މަރުކަޒުން ވާހަކަދައްކަވަމުން، އަމީރު ސަޢުދު ވަނީ މި ކާމިޔާބީއަށްޓަކައި ސައޫދީގެ ވެރިކަމަށް މަރުޙަބާ ދަންނަވާފައެވެ.

"ޙައްޖުވެރިންނަށް އަމާންކަމާއި ސުލްޙަވެރިކަމާއެކު އެބޭފުޅުންގެ އަޅުކަން އަދާކުރެއްވުމަށް މަގުފަހިކޮށްދިން ރޭވުންތެރި ޕްލޭންތައް ކާމިޔާބުކަމާއެކު ތަންފީޒުކުރެވުނުކަމަށްޓަކައި ދެ މުޤައްދަސް މިސްކިތުގެ ޚާދިމުގެ ލަފާދޭ އަދި މައްކާ ސަރަޙައްދުގެ އަމީރު، އަމީރު ޚާލިދު އަލް-ފައިސަލްގެ ފަރާތުން، އަދި އެތެރޭގެ ކަންކަމުގެ ވަޒީރު އަދި ސުޕްރީމް ޙައްޖު ކޮމިޓީގެ ރައީސް އަމީރު ޢަބްދުލްޢަޒީޒު ބިން ސަޢޫދު ބިން ނައިފްގެ ފަރާތުން، އަދި ހުރިހާ ޙައްޖު މުވައްޒަފުންގެ ނަމުގައި އަޅުގަނޑު ދެ މުޤައްދަސް މިސްކިތުގެ ޚާދިމު، މަލިކު ސަލްމާން ބިން ޢަބްދުލްޢަޒީޒަށް އަދި ބޮޑުވަޒީރު އަދި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާނަށް ހިތުގެ އަޑިން މަރުޙަބާ ދަންނަވަން." އަމީރު ސަޢުދު ވިދާޅުވެފަވެއެވެ.

އަމީރު ސަޢުދު ވަނީ ސެކިއުރިޓީ، ސިއްޙީ އަދި ޚިދުމަތްތަކުގެ ދާއިރާތަކުގެ މެންބަރުންނަށާއި، މޫސުމުގެ ކާމިޔާބީއަށް ޙިއްސާކުރި ގިނަ ވޮލަންޓިއަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސައޫދީގެ ވެރިކަމުގެ އިރުޝާދުތަކާ އެއްގޮތަށް މާތްﷲގެ މެހުމާނުންނަށް ޚިދުމަތްކުރުމުގައި އެފަރާތްތަކުގެ އިޚްލާޞްތެރިކަމާއި ވަފާތެރިކަން ފާހަގަކުރައްވާފަވެއެވެ.

އޭނާ ވަނީ ޙައްޖުވެރިންގެ އެއްބާރުލުމާއި ގަވާއިދުތަކާއި އިރުޝާދުތަކަށް ތަބާވުމަށް ދެއްވި ސަމާލުކަން ފާހަގަކުރައްވާފައެވެ. އެކަން މޫސުމުގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރިކަމަށް ވިދާޅުވެފައެވެ.

މި އަހަރުގެ ހައްޖު މޫސުން ނިމުމާއެކު އަންނަ އަހަރުގެ ޙައްޖު މޫސުމަށް ތައްޔާރުވުން ވަގުތުން ފެށޭނެކަމަށް އަމީރު ސަޢުދު ވަނީ ވިދާޅުވެފައެވެ.

"މުޤައްދަސް ތަންތަނާއި އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތްކުރުމުގައި ސައޫދީގެ ވެރިކަމާއި، ސަރުކާރާއި، ރައްޔިތުން، ވަރަށް ބޮޑު ފަޚުރުވެރިވޭ،" އޭނާ ވިދާޅުވިއެވެ.