ޓެކްނޮލޮޖީ ދާއިރާގެ ބިލިއަނަރު އީލޮން މަސްކް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެމެދު މި ހަފްތާގައި ހިނގި ހަރުކަށި ޢާންމު ޖަދަލެއްގައި، ޓްރަމްޕާއި ގުޅުވައި ނުރައްކާތެރި ތުހުމަތުތަކެއްކޮށް މީސް މީޑިއާގައި ކުރި ޕޯސްޓް ޑިލީޓްކޮށްލައިފިއެވެ.
މަސްކާއި ޓްރަމްޕާއި ދެމެދު ނުތަނަވަސްކަން އުފެދި ނުރުހުމުގެ ހުޅު މީސް މީޑިއާއި އަހަމައަށް ފޯރާފައިވާއިރު، މި ނުތަވަސްކަން އުފެދުނީ މަސްކް ވައިޓް ހައުސްގެ އިސް ލަފާދޭ މުޝީރެއްގެ މަޤާމުގެ ދައުރު ފުރިހަމަ ކުރި ފަހުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައެވެ.
ބިލިއަނަރު މަސްކް، މި ހަފްތާގައި އެމެރިކާގެ ރައީސާއެކު ހިނގި ޖަދަލެއްގައި، މި ތުހުމަތު ކުރީ ބަދުނާމުވެފައިވާ މާލީ ވެރިޔާ ޖެފްރީ އެޕްސްޓީނާ އާއި ޓްރަމްޕާއި ގުޅުވައެވެ.
މަސްކް އޭނާގެ އެކްސްގައި ކުރި ދެ ޕޯސްޓެއްގަައި ބުރާސްފަތި ދުވަހު ތުހުމަތު ކުރީ، 2019 ވަނަ އަހަރު ޖިންސީ ވިޔަފާރީގެ ދަޢުވާތަކާ ކުރިމަތިލަމުން އަމިއްލައަށް މަރުވި އެޕްސްޓީންގެ ކުރީގެ އެކުވެރިންނާ ބެހޭ ސަރުކާރުގެ ސިއްރު ފައިލްތަކުގައި ރިޕަބްލިކަން ލީޑަރު (ޓްރަމްޕް) ހިމެނޭ ކަމަށެވެ.
ޓްރަމްޕްގެ އެޑްމިންޓްރޭޝަނުން ވަނީ އެޕްސްޓީންގެ ކުށްތަކުގައި ބައިވެރިވި ޢާންމު ފަރާތްތަކެއް ހާމަކޮށްދޭނެ ކަމަށް އޭނާގެ "މާގާ" ހަރަކާތުން ބުނާ ޑޮކިއުމެންޓްތަކާއި، ވީޑިއޯތަކާއި، ތަޙްޤީޤީ މައްސަލަތަކުގެ ދިހަ ހާސްތަކެއް މަޢުލޫމާތު މުރާޖަޢާކުރަމުންދާ ކަމަށް އެއްބަސްވެފައެވެ.
"އެންމެ ބޮޑު ބޮން ގޮއްވާލުމުގެ ވަގުތު ޖެހިއްޖެ، (ޓްރަމްޕް) އެޕްސްޓީން ފައިލްތަކުގައި އެބަހުރި،" ބުރާސްފަތި ދުވަހު ޓްރަމްޕާ އެކު އޮތް ޖަދަލު އިތުރަށް ގޯސްވަމުން ދިޔައިރު މަސްކް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ޕޯސްޓްކުރިއެވެ.
"އެއީ އެ ފައިލްތައް އާންމުކޮށްފައި ނުވާ އަސްލު ސަބަބު." އޭނާ އިތުރަށް ލިޔުނެވެ.
މަސްކް ވާހަކަދައްކަނީ ކޮން ފައިލްތަކެއްގެ ވާހަކަކަން ހާމަނުކުރާ އިރު، އޭނާގެ ތުހުމަތަށް އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.
"މުސްތަޤުބަލަށް ޓަކައި މި ޕޯސްޓް މާކުކުރޭ. ޙަޤީޤަތް ހާމަވާނެ." އޭނާ ފުރަތަމަ އެ ތުހުމަތުގައި ދެމިހުރެ، ފޮލޯއަޕް މެސެޖެއްގައި ލިޔެފަވެއެވެ.
ނަމަވެސް، ހޮނިހިރު ދުވަހު ހެނދުނާ ހަމައަށް އައިއިރު އެ ދެ ޕޯސްޓް ވެސް ޑިލީޓްކޮށްފައިވާކަން ފާހަގަކުރެވުނެވެ.
ޓްރަމްޕްގެ "މޭކް އެމެރިކާ ގްރޭޓް އަގެއިން" ބޭސްގެ ކޮންސްޕިރަސީ ތިއަރީތަކަށް ލެނބޭ ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރަނީ، އެޕްސްޓީންގެ އެކުވެރިންގެ ކުށްތަކުގައި އެމީހުންގެ ދައުރު ސަރުކާރުގެ އޮފިޝަލުންނާއި އެހެން ފަރާތްތަކުން ފޮރުވާފައިވާ ކަމަށެވެ.
މިކަމުގައި އެމީހުން ތުހުމަތުގެ އިނގިލި ދިއްކުރަނީ ޑިމޮކްރެޓުންނާއި ހޮލީވުޑްގެ ސެލެބްރިޓީންނާ ދިމާލަށެވެ. ޓްރަމްޕާ ދިމާލަކަށް ނޫނެވެ. ނަމަވެސް ޓްރަމްޕް އެ މެޓީރިއަލްތަކުގައި ހިމެނޭކަން އެއްވެސް ރަސްމީ ފަރާތަކުން އެއްވެސް އިރެއްގައި ކަށަވަރުކޮށްފައެއް ނުވެއެވެ.
ޓްރަމްޕަށް އެޕްސްޓީން އެނގިވަޑައިގަނަވާއިރު، އަދި އޭނާއާއެކު އުޅުއްވި ނަމަވެސް، ޕްރޮސެކިއުޓަރުން ބުނާ ގޮތުން އެޕްސްޓީން ކުޑަކުދިންނާއެކު ޖިންސީ ވިޔަފާރި ހިންގި ޔޫއެސް ވާޖިން އައިލެންޑްސްގެ ލިޓްލް ސެއިންޓް ޖޭމްސްގައި ވަގުތު ހޭދަކުރިކަން ޓްރަމްޕް ދެކޮޅު ހަދައެވެ.
"ވަރަށް ރަނގަޅު މީހެއް،" 2000 ގެ އަހަރުތަކުގެ ކުރީކޮޅު އެޕްސްޓީންގެ ޕްރޮފައިލެއްގައި ފްލޮރިޑާ އަދި ނިއު ޔޯކުގައި އެޕްސްޓީންގެ އަވައްޓެރިއެއް ކަމުގައިވާ ޓްރަމްޕް ބުންޏެވެ.
"އޭނާއާއެކު އުޅުމަކީ ވަރަށް މަޖާކަމެއް. އަހަރެންހެން އޭނާވެސް ރީތި އަންހެނުން ދެކެ ލޯބިވާކަމަށް ބުނެއެވެ. އަދި އެ އަންހެނުންގެ ތެރެއިން ގިނަ މީހުންނަކީ ޅަ އުމުރުގެ މީހުންނެވެ." ޓްރަމްޕް ކުރިން ބުނެފަވެއެވެ.
މިދިޔަ ހަފްތާގައި ޓްރަމްޕް، މަސްކް ޑިޕާޓްމަންޓް އޮފް ގަވަރމަންޓް އެފިޝެންސީ (ޑީއޯޖީއީ) ގެ ޚަރަދު ކުޑަކުރުމުގެ މަޤާމުން ވަކިވިއިރު އޭނާއަށް ފޮނުވި ވަދާޢީ މެސެޖުގައި ވަރަށް ރީތިކޮށް ވާހަކަދެއްކިއެވެ.
ނަމަވެސް އެމީހުންގެ ގުޅުން ދުވަސްތަކެއްގެ ތެރޭގައި ހަލާކުވެގެން ދިޔައީ، ކޮންގްރެސްއިން ފާސްކޮށްފިނަމަ ޓްރަމްޕްގެ ދެވަނަ ދައުރު ކަނޑައަޅައިފާނެ ޚަރަދު ބިލަކަށް މަސްކް "އަނިޔާވެރި" ކަމެއްގެ ގޮތުގައި ސިފަކުރުމާ ގުޅިގެންނެވެ.
ޓްރަމްޕް އޯވަލް އޮފީހުގައި ދެއްކި ވާހަކައަކުން އެކަމަށް ރައްދު ދިނުމާއެކު، ދުނިޔޭގެ އެންމެ މުއްސަނދި މީހާ އާއި ދުނިޔޭގެ އެންމެ ބާރުގަދަ މީހާގެ ދެމެދުގައި ހިނގި ހަޑިހުތުރު ވަކިވުމުން ވޮޝިންގްޓަން އަދި ސޯޝަލް މީޑިއާގެ ޔޫޒަރުން ސިހިގެން ދިޔައެވެ.
އެމީހުންގެ ޖަދަލުގައި ހުރި ސިޔާސީ އަދި އިޤްތިޞާދީ ނުރައްކާތަކާއެކު، ހުކުރު ދުވަހު ދެމީހުންވެސް ފަހަތަށް ޖެހޭ ކަހަލަ ގޮތަކަށް ފެނުނު ނަމަވެސް، އެމީހުން ވާހަކަދައްކާނެ ކަމަށް ނެރުނު ރިޕޯޓުތައް ވައިޓް ހައުސްއިން ދޮގުކޮށްފައިވާއެވެ.
"އެޕްސްޓީން ފައިލްތައް" އަކީ އެމެރިކާގެ ނިޔާވެފައިވާ މާލީވެރިޔާ ޖެފްރީ އެޕްސްޓީންގެ ޖިންސީ ވިޔަފާރީގެ ކުށްތަކާ ގުޅޭ ވަރަށް ބޮޑު އަދި އުނދަގޫ އެތައް ހާސް ލިޔެކިޔުމުގެ މަޖްމޫއާއެކެވެ. މިއީ އެއް ފައިލެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ކޯޓު ރެކޯޑުތަކާއި، ދަތުރުފަތުރުގެ ލޮގްތަކާއި، އަމިއްލަ ގުޅުންތަކާއި، ތަޙުޤީޤީ މައްސަލަތަކުގެ މަޖްމޫއާއެކެވެ. މި ލިޔެކިޔުންތައް ވަނީ މައިގަނޑު ގޮތެއްގައި 2015 ވަނަ އަހަރުގެ އަބުރު ގެއްލުވާލުމުގެ މައްސަލައަކާ ގުޅިގެން މަޑުމަޑުން ސިއްރުކަން ނައްތާލެވި އާންމުކޮށް ހާމަކުރެވިފައެވެ.
މި ފައިލްތަކުގައި ސިޔާސީ ވެރިންނާއި، ވިޔަފާރިވެރިންނާއި، މަޝްހޫރު މީހުންނާއި، އަދި އިލްމުވެރިން ފަދަ އެޕްސްޓީންއާ ގުޅުން ހުރި ގިނަ އަދަދެއްގެ މަޝްހޫރު މީހުންގެ ނަންތައް ހިމެނިފައިވާތީ، މި ފައިލްތަކަށް އާންމުންގެ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ. ނަމަވެސް، މި ލިޔެކިޔުންތަކުގައި ހަމައެކަނި ނަމެއް ހިމެނިފައިވުމަކީ އެޕްސްޓީންގެ ކުށްތަކުގައި އެ މީހަކު ބައިވެރިވެފައިވާކަން ނުވަތަ ކުށެއް ކޮށްފައިވާކަން ދޭހަކޮށްދޭ ކަމެއް ނޫންކަން ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!