އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ގަތުލުއާންމުގައި މަދުވެގެން ފަލަސްތީނުގެ 54،321 މީހުން ޝަހީދުވެފައިވާ ކަމަށް، އެ ގައުމުގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހު ބުނެފިއެވެ.

މިނިސްޓްރީގެ ބަޔާނެއްގައިވާ ގޮތުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 72 ހަށިގަނޑު ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާއިރު، 278 މީހުން ޒަޚަމްވެ، އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގައި ޒަޚަމްވި މީހުންގެ ޖުމްލަ އަދަދު 123،770 އަށް އަރާފައިވެއެވެ.

Ad
rt

ޖެނުއަރީ މަހު އެއްބަސްވެފައިވާ ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުން ދޫކޮށްލުމަށްފަހު، އިސްރާއީލުން މާރިޗު 18 ވަނަ ދުވަހު ޣައްޒާއަށް އަލުން ހަމަލާދޭން ފަށާފައިވެއެވެ.

ޔޫއެން އަދި އެހީދޭ ޖަމާއަތްތަކުން ބުނާ ގޮތުގައި، ޣައްޒާގައި ހުއްޓުމެއްނެތި ބޮމާއި ވައިގެ ހަމަލާތައް އިތުރުވަމުންދާއިރު، އާއިލާތައް ބަނޑަށްޖެހި، ދިރިހުރުމަށް ބޭނުންވާ އަސާސީ ވަސީލަތްތަކުން މަހުރޫމް ކުރެވެމުންދެއެވެ.

މިދިޔަ ނޮވެމްބަރު މަހު، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައިސީސީ) ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް، ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދައުވާގައި ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.

އަދި މި ހަނގުރާމައާ ގުޅިގެން، އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ނަސްލު ނައްތާލުމުގެ ދައުވާއެއް ވެސް ދަނީ ކުރެވެމުންނެވެ.