މޮރިޓޭނިއާގެ ފްލައިޓެއް ރަތް ކަނޑަށް ވެއްޓި، 210 ހައްޖުވެރިން މަރުވި ކަމަށް ބުނެ ފެތުރުނު ޚަބަރަކީ ދޮގު ޚަބަރެއް ކަމަށް އެ ގައުމުގެ އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީގެ ޑިރެކްޓަރ އޮފް ހައްޖު، އެލް ވަލީ ތާހާ ވިދާޅުވީ އެ ގައުމުގެ ހުރިހާ ހައްޖުވެރިންވެސް ރައްކާތެރިކަމާއެކު މައްކާއަށް ދެވިފައިވާ ކަމަށެވެ. މިފަދަ ބަޔާނެއް ނެރުނީ ސޯޝަލް މީޑިއާގައި މޮރިޓޭނިއާގެ ހައްޖު ފްލައިޓެއް ވެއްޓުނު ކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރުތަކަކާ ގުޅިގެންނެވެ.

Ad
rt

މި ދޮގު ޚަބަރާއި ގުޅިގެން، މޮރިޓޭނިއާ އެއަރވޭޒުން ބުނީ މި އަހަރުގެ ހައްޖު މޫސުމަށް މެއި 23، 24 އަދި 25 ވަނަ ދުވަހު ޖުމްލަ ތިން ފްލައިޓް އޮޕަރޭޓްކޮށްފައިވާ ކަމަށާއި، އެ ތިން ފްލައިޓްވެސް ރައްކާތެރިކަމާއެކު މަންޒިލަށް ވާސިލްވެފައިވާ ކަމަށެވެ.

"މި އަހަރުގެ ހައްޖު މޫސުމަށް އަޅުގަނޑުމެން ތިން ފްލައިޓް އޮޕަރޭޓްކުރިން. އެ ތިން ފްލައިޓްވެސް ވަނީ މަންޒިލަށް ރައްކާތެރިކަމާއެކު ވާސިލްވެފައި،"

އެއަރލައިންގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ދޮގު ޚަބަރުތަކުގައި ބައެއް ފަހަރު 210 ހައްޖުވެރިން އަދި އަނެއްބައި ފަހަރު 220 ހައްޖުވެރިން މަރުވި ކަމަށް ބުނެފައިވާއިރު، މިހާރު ވަނީ ކަމާބެހޭ އިދާރާތަކުން މި ޚަބަރުތައް ދޮގުކޮށްފަ އެވެ.

ރާއްޖޭގެ ބައެއް ޕޭޖުތަކުންވެސް އަދި ބައެއް ދިވެހިންވެސް މި ޚަބަރު ދިވެހި ބަހަށް ތަރުޖަމާކޮށްގެން ފަތުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވެއެވެ. އެގޮތުން ބޭނުން ކުރަމުން އަންނަ ފޮޓޯ ގައި ފެންނަނީ ރަންވޭއެއްގައި ފުލައިޓެއްގައި ރޯވެފައިވާ މަންޒަރެވެ. ދައުރު ކުރަންމުން އަންނަ އިތުރު ފޮޓޯގައި ފެންނަނީ ހިކިފަސް ސަހަރާއެއް ކަހަލަ ތަނަކަށް ފުލައިޓެއް ވެއްޓި އަލިފާން ރޯވެފައިވާ މަންޒަރެވެ. އެސަރަހައްދުގައި މަރުވެފައިވާ ބައެއްވެސް ފެނެއެވެ. އެއްވެސް ފޮޓޯ އަކުން ރަތްކަނޑު ނުވަތަ މޫދެއް ކަހަލަ ތަނަކަށް ފުލައިޓެއް ވެއްޓިފައިވާ ތަނެއް ނުދައްކައެވެ.

މޮރިޓޭނިއާ، ރަސްމީ ނަމުން އިސްލާމިކް ރިޕަބްލިކް އޮފް މޮރިޓޭނިއާ، އަކީ އުތުރު ހުޅަނގު އެފްރިކާގައި އޮންނަ މިނިވަން ޤައުމެކެވެ. މި ޤައުމުގެ 90% އަކީ ސަހާރާ ސަރަޙައްދެވެ. 4.3 މިލިއަން މީހުންގެ އާބާދީގެ ގިނަ ބަޔަކު ދިރިއުޅެނީ ޤައުމުގެ މެދުމިން ފިނި ދެކުނު ސަރަޙައްދުގައެވެ. އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށުގައި އޮންނަ ވެރިރަށް އަދި އެންމެ ބޮޑު ސިޓީ ކަމުގައިވާ ނުއަކްޝޮޓްގައި އާބާދީގެ ތިންބައިކުޅަ އެއްބައި ދިރިއުޅެއެވެ.

ދޮގު ޚަބަރު ނުވަތަ މަޢުލޫމާތުގެ ނުތަނަވަސްކަމަކީ ބަޔަކު ގަސްތުގައި ސަމާލުކަން ހޯދަން ރޭވިގެން ހިންގާ ކަންކަމެވެ. އެ ވެބްސައިޓަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކޮށް ފޭސްބުކް ޕޭޖް ފަދަ މީސް މީޑިއާގެ މަންސަތަކަށް ފުލޯވަރުން ހޯދަން ގަސްދުގައި އުފައްދާ ވާހަކަތަކެވެ. ކްލިކްބޭޓް ވާހަކަތަކުގައި ބޭނުންކުރަނީ ސަމާލުކަން ހޯދައި، ޙަޤީޤަތާއި ސައްޙަކަމަށް ނުބަލާ މީހުންގެ ސަމާލުކަން ހޯދާ ސުރުޚީތަކެވެ. މިފަދަ ހަބަރެއް ނުވަތަ ޕޯސްޓެއް ފެނުމުން އެ ޝެއަރކޮށް ފެތުރުމުގެ ކުރިން އަމިއްލައަށްވެސް ވިސްނާލަން ޖެހެއެވެ.