ފެމިލީ ކޯޓުގައި މިއަހަރު އެއްދުވަހާ އެންމެ ގިނަ ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައި ވަނީ މިއަދުކަމަށް އެ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނީ މިއީ މި އަހަރުގެ މިހާތަނަށް އެ ކޯޓުގައި އެއްދުވަހާ އެންމެ ގިނަ ކާވެނި ޢަޤްދު ކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްކަމަށެވެ.
އެހެންވެ ކޯޓަށް ވަޑައިގަންނަވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށް އެ ކޯޓުން ބުންޏެވެ.
ފެމިލީ ކޯޓުން ބުނިގޮތުގައި މި އަދު އެ ކޯޓުގައި 59 ކައިވެނިކުރަން ވަނީ ހަމަޖެހިފައެވެ.
އަހަރުގެ ރީތި ތާރީޚް ތަކުގައި ކައިވެނިކުރާ ނިސްބަތް އިތުރެވެ. މިއަދަކީ މިއަހަރުގެ އެންމެ ރީތި އެއް ތާރީޚްކަމަށްވާ 25.05.25 އެވެ.
މިގޮތުން އިންސާނީ ދެޖިންސުގެ ދުންޔަވީ ޙަޔާތް ހެޔޮގޮތުގައި ހޭދަކުރުމަށްޓަކައި އިސްލާމްދީން ކަނޑައަޅުއްވާފައިވާ ނިޒާމުތަކުގެ ތެރޭގައި ޒަވާޖީ ޙަޔާތުގެ ނިޒާމު ހިމެނެއެވެ. އަންހެނަކާއި ފިރިހެނަކު ޒަވާޖީ ގޮތުން ގުޅޭގުޅުމަށް ކިޔާ ނަމަކީ ކައިވެންޏެވެ. މިގުޅުން ފަށާނެގޮތާއި ބާއްޖަވެރިކުރާނެ ގޮތް ޤުރްއާނާއި ސުންނަތުން އަޅުގަނޑުމެންނަށް އެނގެން އެބައޮތެވެ.
ކައިވެންޏަކީ ދިރިއުޅުމަށް އެޅޭ އެންމެ މުހިއްމު ބިންގަލެވެ. އެހެން ކަމުން އެބިންގާ ސީދާކޮށް އެޅުމަކީ މުހިއްމު ކަމެކެވެ. ކައިވެންޏެއްގެ ބޭނުމަކީ ޢާއިލާއެއް އުފައްދާ ހެއުލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރުމެވެ. ކައިވެންޏެއްގެ މަޤުޞަދަކީ ދެމަފިރިން އެކަކު އަނެކެއްގެ ޒިންމާ ތަކަށް ރައްކާތެރިވެ އުފާވެރި ހަމަޖެހޭ ޢާއިލާއެއް އުފެއްދުމެވެ. އިންސާނީ ދަރިފަސްކޮޅު ހެޔޮގޮތުގައި އިތުރުވެ ދެމިއޮތުމަށް ޝަރުޢު ކުރައްވާފައިވާ މަގަކީ ކައިވެންޏެވެ. އެމަގުން ޢާއިލާތައް އުފެދި ޤަބީލާތަކާއި ޢާއިލާތަކުގެ ގުޅުން އެކުލެވި ބަދަހިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!